Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

މާލެ ވަޑައިގަތުމަށް ފަހު ނަޝީދުގެ މިސްރާބު އައްޑުއަށް

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ބޭރުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަން އިއުލާން ކުރައްވާފައިވާއިރު އެމަނިކުފާނު މާލެ ވަޑައިގަތުމަށް ފަހު ދެން އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ކަމަށް އެމްޑީޕީން ހާމަކޮށްފިއެވެ.

އެޕާޓީގެ ފަރާތުން ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރައީސް ނަޝީދުގެ އެނބުރި އައުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޕާޓީގެ ނައިބު ރައީސް، މުހައްމަދު ޝިފާޒް ވިދާޅުވެފައިވަނީ ނަޝީދު ވަޑައިގަންނަވާނީ ނޮވެމްބަރު އެއްވަނަ ދުވަހު މާލެ ކަމަށެވެ.

އަދި އެއަށްފަހު އަތޮޅުތަކަށް އެމަނިކުފާނު ދަތުރުފުޅެއް ފައްޓަވާނެ ކަމަށާއި އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑުއަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އަތޮޅު ތެރޭ ދަތުރުފުޅު ފައްޓަވާނެ ދުވަހެއް ޝިފާޒް ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން ތައްޔާރު ވަމުން އަންނަ ކަމަށާއި މިފަހަރު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރާއްޖޭގައި ކުރިން ބަޔަކު ނުދާހާ މިންވަރަށް ދާނެ ކަމަށް ވެސް ޝިފާޒް ވިދާޅުވެފައިވެއެވެ.