އިނގިރޭސި ވިލާތުގެ ދެމަފިރިއަކު އެމީހުންނަށް ލިބުނު ފިރިހެން ދަރިއަކަށް ޖަރުމަނު ޑިކްޓޭޓަރ ހިޓްލަރުގެ ނަމުން ނަން ދިން މައްސަލައެއް ކޯޓުން ބަލަން ފަށައިފިއެވެ.
އެޑަމް ތޯމަސް އަދި އޭނާގެ ބައިވެރިޔާ ކްލޯޑިއާ ޕަޓަޓަސްއަށް ލިބުނު ފިރިހެން ދަރިފުޅުގެ ނަމުގައި ހިޓްލަރުގެ ފުރަތަމަ ނަން، "އެޑޮލްފް" ހިމަނާފައިވާތީ އެމައްސަލަ ބަލަން ފަށާފައިވަނީ އެ ދެމީހުންނަކީ ވެސް ހިޓްލަރުގެ ސިޔާސަތުތަކަށް ތަބާވާ ޓެރަރިސްޓު ޖަމާއަތް، "ނޭޝަނަލް އެކްޝަން" އަށް ނިސްބަތްވާ ދެމީހުން ކަމަށް ވެސް ތުހުމަތު ކުރެއެވެ.
އަދި އެމީހުންގެ ގޭގައި "ނޭޝަނަލް އެކްޝަން" އަށް ނިސްބަތްވާ މީހަކު ހިޓްލަރުގެ ސެލިއުޓު ކުޑަ ދަރިފުޅަށް ކުރިކަމަށް ވެސް ކޯޓުން ތުހުމަތު ކުރެއެވެ. އަދި އެ ގޭގައި ހިޓްލަރުގެ ފޮޓޯތަކާއި އޭނާގެ ދިދަތަކާއި ނިޝާންތައް ވެސް ބޭނުން ކުރާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.
"ނޭޝަނަލް އެކްޝަން" އަކީ ނަސްލީ ތަފާތުކުރުންތައް ޕްރޮމޯޓު ކުރާ އިނގިރޭސި ވިލާތަށް ނިސްބަތްވާ ޖަމާއަތެކެވެ. އެމީހުންނަކީ ހިޓްލަރުގެ ނިޝާންތަކާއި ދިދަތައް ފާޅުގައި ބޭނުންކުރާ ބަޔެކެވެ.
އަދި އެ ޖަމާއަތާ ބައިވެރިވި ކަމުގެ ތުހުމަތު ތޯމަސް އެޑަމް އަދި ކްލޯޑިއާއަށް ވެސް ކޮށްފައިވާއިރު އެ ޖަމާއަތަކީ އިނގިރޭސި ގާނޫނާއި ޚިލާފަށް ހެދިފައި އޮތް ޖަމާއަތެކެވެ.