Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ފެނަކައިގެ ބައެއް ލިޔެކިއުން ނެތް!

ފެނަކަ އެމްޑީ ލައްމާން، ކުންފުނީގެ ބައެއް ލިޔެކިއުން ނެތްކަމަށް އޮޑިޓް ރިޕޯޓުގައިވޭ

ފެނަކަ ކޯޕަރޭޝަންގެ ބައެއް ލިޔެކިއުންތައް ބަރާބަރަށް ނުބެލެހެއްޓުމުގެ ސަބަބުން ގެއްލިފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ސޮއި ކުރައްވައި 8 އޮކްޓޯބަރ 2017 ވަނަ ދުވަހު ނެރެފައިވާ ފެނަކަ ކޯޕަރޭޝަންގެ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު އެއް މައްސަލައަކީ އެކުންފުނީގެ ގޮފިތަކުގެ ލިޔެކިއުން ބަރާބަރަށް ބެލެހެއްޓިފައި ނުވުމެވެ.

އެގޮތުން އޮޑިޓަށް ބޭނުންވާ ލިޔެކިއުންތައް ލިބިފައި ނުވާތީ ކުންފުނީގެ މުޢާމަލާތްތަކުގެ ސައްހަ ކަމާއި، އެ ހަރަދު ކުންފުންޏަށް ކޮށްފައިވަނީ އެންމެ ފައިދާ ހުރި ގޮތެއްގައިތޯ އެނގެން ނެތް ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނަކީ އަހަރެއްގެ މައްޗަށް 1 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭ ކުންފުންޏަކަށް ވެފައި ކުންފުންޏަށް ލިބެން ޖެހޭ އެތައް މިލިއަން ފައިސާ ނުލިބިވާކަން ވަނީ ފާހަގަކޮށްފައެވެ.

އަދި ކުންފުނިން ކުރި ހަރަދުތަކުގެ ޕޭމަންޓު ވައުޗަސ ނެތްކަމަށާއި ހަރަދު ކުރިގޮތް އެނގެން ނެތްކަމަށެވެ. އެގޮތުން ކުންފުނީގެ މާލީ މުއާމަލާތްތައް ބެލެހެއްޓުމުގައި 641 މިލިއަން ރުފިޔާ ހޭދަކުރުމުގައި އުސޫލުން ބޭރުވެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

އަދި ބައެއް މަޝްރޫއު ކަނޑައެޅިފައިވާ މުައްދަތަށް ނިންނުލެވިވާ އިރު އެ ފަރާތްތަކާއި މެދު ފިޔަވަޅު ނާޅާ ހުރިކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓު އާއްމުކުރިއިރު ނިމިގެން ދިޔަ ރިޔާސީ އިންތިހާބަށް ކުންފުނީގެ މުވައްޒަފުންނާއި ވަސީލަތްވަނީ ބޭނުންކޮށްފައެވެ. އަދި މިކަމުގައި ކަރަޕްޝަންގެ އަމަލުތަކެއްވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާއިރު ކުންފުނީގެ ލިޔެ ކިއުން ނައްތާލުމުގެ ތުހުމަތުވެސް ވަނީ ކުންފުނީގެ އިސްވެރިންނަށް ކޮށްފައެވެ.