މިއަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހައްޔަރުކުރި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު އަދި ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ފަނޑިޔާރުންނާއި ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރާ ދެކޮޅަށް ރިޝްވަތު ހިފުމުގެ ދައުވާ ދައުލަތުން އުފުލާފައިވާއިރު އިބްރާހިމް ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ސިޔާދާ ދެކޮޅަށް އުފުލާފައިވަނީ ރިޝްވަތު ހުށައެޅުމުގެ ދައުވާއެވެ.
ސިޔާދު، ފަނޑިޔާރުންނާއި އެޑްމިނިސްޓްރޭޓަރ ސައީދަށް ރިޝްވަތު ހުށައެޅި ކަން ސާބިތުކުރުމަށް މިގެ ކުރީގެ އަޑުއެހުންތަކުގައި ދައުލަތުން ވަނީ 33 ހެއްކެއް ހުށައަޅާފައެވެ. ނަމަވެސް އަސާސީ އެއްވެސް ހެއްކެއް ޝަރީއަތުގެ އަޑުއެހުމަށް ހުށައެޅިފައިނުވާ ކަމަށް ވަކީލުން ވަނީ އޭރުވެސް ފާހަގަކޮށްފައެވެ.
އަދި އެފަދަ ހެއްކެއް ހުށައެޅިފައި ނުވާތީ ސިޔާދުގެ ފަރާތުން ބަންދުން މިނިވަން ކޮށްދިނުމަށް އެދުމުން ގާޒީ ވަނީ ޝަރުތުތަކަކާއެކު ސިޔާދު ބަންދުން ދޫކޮށްލާފައެވެ. ނަމަވެސް ފަނޑިޔާރުންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވާތީ އަދިވެސް އެބޭފުޅުން ތިއްބެވީ ޖަލު ބަންދުގައެވެ.