ރައީސް ނަޝީދު ރާއްޖެވަޑައިގަތުމާއި ގުޅޭގޮތުން އަލްހާން ފަހުމީ ކުރެއްވި ޓްވީޓު ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ރީޓްވީޓު ކުރެއްްވީ އެ ޓްވީޓުގައި ހުރި ވާހަކަތަކަކީ ރަނގަޅު ވާހަކައަށްވުމުން ކަމަށް އެެމަނިކުފާން ވިދާޅުވެއްޖެއެވެ.
އަލްހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރީޢަތުން ނިންމާފައިވާ ކަންކަން ޝަރީޢަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެކަމަށާއި، ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމަށެވެ. އަދި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދުވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިންކަމަށެވެ.
ޝަރީޢަތުން ނިންމާފައިވާ ކަންކަން ޝަރީޢަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ!
ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް!
އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދުވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން! pic.twitter.com/XNh4AyJ4Od— Alhan Fahmy (@AlhanFahmy) October 10, 2018
އަލްހާންގެ މި ޓްވީޓު ގާސިމް އިބްރާހިމް ރީޓްވީޓު ކުރެއްވުމާއި ގުޅިގެން އެމްޑީޕީގެ އެކްޓުވިސްޓުން ވަނީ ގާސިމަށް ރައްދު ދީފައެވެ. އެގޮތުން ނަޝީދާއި "ލެޑި ނުގަތުމަށް" އެކްޓުވިސްޓުން ގާސިމްއަށް އިންޒާރު ދީފައިވެއެވެ.
މި މައްސަލަ ހޫނު ވުމާއި ގުޅިގެން ގާސިމް ވީޓީވީގައި ވިދާޅުވީ އެވާހަކަތަކަށް ތާއިދު ކުރެއްްވީ ވަކި ބޭފުޅަކު ބުނި އެއްޗަކަށް ވުމުން ނޫންކަމަށާއި އެ ޓްވީޓުގައި ހުރީ ރަނގަޅު ވާހަކައެއް ކަމަށެވެ.
"ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅެއްގެ މާނައިގައި ވަނީ ބަސް ބުނި މީހާޔަށް ނުބަލާށޭ، ބުނި ބަހަށް ބަލާށޭ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައީސް ނަޝީދު ހުކުމުގައި ހުންނަވައިގެން ރާއްޖެވަޑައިގަތުމުން ފަހަރުގައި ސްޕޯޓަރުން ކުރިމަތިން ހައްޔަރުކޮށްގެން ގެންގޮސްފާނެ ކަމަށް ގަބޫލް ކުރެއްވޭ ކަމަށާއި އެމަންޒަރު ބަލާކަށް ދިވެހިން ބޭނުން ނޫންކަމަށެވެ. އަދި އެގޮތަށް ވެއްޖެނަމަ ގައުމު ހަލަބޮލިވެގެން ހިނގައިދާނެކަމަށެވެ.
ގައުމު އަމާން ބަނދަރަކަށް ގާތްވަމުން އަންނައިރު އިތުރަށް ގައުމު ހަލަބޮލި ވުމަކީ އޭގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރާނެކަމެއް ކަމަށާއި، އެންމެ ރަނގަޅު ގޮތަކީ ނަޝީދުގެ އިޒްނަ އާއި އެކު ކޯޓުން ގޮތެއް ނިންމުން ކަމަށެވެ. އަދި އެގޮތް ނަޝީދު ގަބޫލް ކުރައްވާނެކަމަށެވެ.