Last Updated: June 11, 20:32
Thursday, June 11, 2026
ޚަބަރު

ކަފާލާތުގެ ދަށުން ގާޒީ ނިހާން ދޫކޮށްލެވޭކަށް ނެތް: ހައިކޯޓު

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލަ އާއި ގުޅިގެން ޖަލަށްލާފައިވާ މާމިގިލީ މެޖިސްޓްރޭޓު ކޯޓުގެ އިސް ގާޒީ އަހުމަދު ނިހާން ކަފާލާތުގެ ދަށުން ދޫކޮށްލެވެން ނެތްކަމަށް ހައިކޯޓުން ނިހާނުގެ ވަކީލުންނަށް އަންގައިފިއެވެ.

ޓެރަރިޒަމް ކުށް ސާބިތުވެ 17 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ނިހާންގެ ފަރާތުން އިސްތިއުނާފު އަޑުއެހުމުގައި ނިހާނު ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދުމުން ކޯޓުން ނިންމީ ޓެރަރިޒަމް ކުށް ތަންފީޒު ކުރަމުންދާތީ ދޫކޮށްލެވެން ނެތްކަމަށެވެ.

މިއަދު ހެނދުނު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ނިހާންގެ މައްޗަށް ޓެރަރިޒަމް ކުށް ސާބިތުވެފައިވާތީ ޓެރަރިޒަމް ގާނޫނާއި، ގާނޫނު އަސާސީގެ 49 ވަނަ މާއްދާގެ ދަށުން ނިހާނު ކަފާލާތުގެ ދަށުން ދޫކޮށްނުލެވޭނެކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް އަމުރެއް ނެރުނު މައްސަލައާ ގުޅިގެން ނިހާނުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައި ވެއެވެ. ނިހާން އާއި އެކު އެމައްސަލާގައި ކުރީގެ ޕީޖީ މުހްތާޒު މުހުސިންވެސް ވަނީ ޓެރަރިޒަމް ކުށް ސާބިތުވެ ހުކުމް އިއްވާފައެވެ.