Last Updated: June 11, 20:32
Thursday, June 11, 2026
ޚަބަރު

ހިޔާލު ތަފާތުވުން ތަކާއި އެކީ ހައްލު ހޯދޭނެ: ނަޝީދު

ނަޝީދު، ފޮޓޯ: ސަންޑޭ އޮބްޒާވާރ

ޑޮމްކްރަސީގެ އަސާސްތަކާއި އެއްގޮތަށް ހިޔާލު ތަފާތުވުންތަކާއި އެކު ހައްލު ހޯދޭނެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްްޖެއެވެ.

ނަޝީދު މިފަދަ ޓްވީޓެއް ކުރައްވާފައިވަނީ އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީ ނަޝީދު ރާއްޖެ އައުމާއި ގުޅޭގޮތުން ކުރި ޓްވީޓެއް ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ރީޓްވީޓު ކުރެއްވުމާއި ގުޅިގެން އެމްޑީޕީ/ ޖޭޕީ ސަޕޯޓަރުންގެ މެދުގައި ކޯޅުން ބޮޑުވެ ގާސިމަށް ނަޝީދުގެ ސަޕޯޓަރުން ރައްދު ދެއްވަމުން ދަނިކޮށެވެ.

އަލްހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރީޢަތުން ނިންމާފައިވާ ކަންކަން ޝަރީޢަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެކަމަށާއި، ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމަށެވެ. އަދި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދުވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިންކަމަށެވެ.

މިކަމާއި ގުޅިގެން ގާސިމް މިއަދު ވަނީ ނަޝީދުގެ މައްޗަށް އިއްވާފައިވާ ހުކުމް ގާނޫނީ ހަމަތަކުގެ މަތިން ނިންމަވައިގެން ރާއްޖެ ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. އަދި މިކަމާއި ނަޝީދު އާއި މަޝްވަރާ ކުރެއްވި ކަމަށާއި ނަޝީދު އެކަމާއި ވިސްނަވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

މިކަންކަމަށް އަލި އަޅުއްވައި ނަޝީދު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދުގައި ހިމެނެނީ ތަފާތު ފިކުރު ކަމަށެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމްގެ އިސްލާހަށް ހިންގަންޖެހޭ ކަންކަމުގައި ޕާޓީތަކުގައި ހިޔާލު ތަފާތުވުންތައް ހުރެދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ "ވީހާލެއްގައިވާން" ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެކަން އިއްލާން ކުރައްވާފައެވެ. އަދި އެމްޑީޕީން އަންނަނީ ނަޝީދުއަށް މަރުހަބާ ދެންނެވުމަށް ތައްޔާރުވަމުންނެވެ.