ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާން ގަތުމަށް އެސްޓިއޯ އާއި ހަވާލު ކުރި މައްސަލައެއް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އިން ބަލަން ފަށައިފިއެވެ.
އޭސީސީން އަންގާރަ ދުވަހު ފިނޭންސް މިނިސްޓްރީއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ސާމާން ހޯދުމަށް ކުރި އިއްލާނާއި ގުޅިގެން ވަކިބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ތަކެތި ހޯދުމަށް އެސްޓިއޯ އާއި ހަވާލުކުރި މައްސަލައެއް ބަލަމުންދާތީ އެކަން ވަގުތީ ގޮތުން ހުއްޓާލުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ސާމާން ހޯދުމަށް އެސްޓިއޯ އާއި ހަވާލުކޮށްފައިވަނީ 11.6 މިލިއަން ޑޮލަރަށެވެ.
މި ތަކެތީގެ ތެރޭގައި ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީ އާއި މެޑިކަލް އިކުއިޕްމެންޓުގެ އިތުރުން ފަރުނީޗަރު ހިމެނެއެވެ. އަދި މި ޕްރޮޖެކްޓު އެސްޓިއޯއަށް ދޭން ނިންމާފައިވަނީ މި ތަކެތި ގެނެސް އިންސްޓޯލް ކުރުމާއި އެކުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތަކެއްޗަކީ ހިތަދޫ އީސީސީގައި ހަދާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް ބޭނުންވާ ސާމާނެެވެ.