އިލެކްޝަން ކަމިޝަނުގެ މެމްބަރުންނާއި ގުޅޭ ގޮތުން ޗެނަލް 13 ޓީވީން ސާބިތު ނުހިފޭ ދޮގު ހަބަރު ފަތުރަމުންދާތީ އެކަން ހުއްޓުވައި ފިޔަވަޅު އަޅައި ދިނުމަށް އީސީން ބްރޯޑްކާސްޓިން ކަމިޝަން (ބްރޯޑްކޮމް)އަށް ހުށަހަޅައިފިއެވެ.
އީސީން ބުނީ އެކޮމިޝަނުގެ މެމްބަރުން ފިލައިގެން އުޅޭކަމަށް ތުހުމަތުކޮށް ހަގީގަތާއި ހިލާފު ވާހަކަ ފަތުރަމުންދާތީ އެޗެނަލްއަށް ގާނޫނީ ފިޔަވަޅު އަޅައި ދިނުމަށް އެދިފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބަށް ފަހު ޕީޕީއެމްއިން ބާއްވަމުންދާ މުޒާހަރާގެ އަޑާއި މަންޒަރު ޗެނަލް 13 އިން ވަގުތުން ގެނެސްދެމުންދާ އިރު އިލެކްޝަން ކަމިޝަންގެ މެމްބަރުންނާއި ގުޅޭ ތަފާތު ވާހަކަތައް ސެންސަރު ކުރުމެއް ނެތި އެޗެނަލުން ގެނެސްދީފައިވެއެވެ.
ދާދި ފަހުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ އީސީގެ ރައީސް އަހުމަދު ޝަރީފު އާއި އެކޮމިޝަންގެ މެމްބަރ އަދި ތަރުޖަމާން އަހުމަދު އަކުރަމްއަށް "ވަގަށް ގޮވި" މައްސަލައެއްވެސް އީސީން ވަނީ ފުލުހުންގެ އިދާރާއަށާއި ބްރޯޑްކާސްޓިން ކަމިޝަނަށް ހުށަހަޅާފައެވެ.