ވަޅި ހިފައިގެން މާލެ ތެރޭގައި މާރާމާރީ ހިންގަން އުޅުނު ގްރޫޕެއް ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވަޅި ހިފައިގެން މާރާމާރީ ހިންގަން އުޅުނު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހުން ހައްޔަރުކޮށްފައިވަނީ ފިހާރައަކުން ވަޅިތަކެއް ގަނެގެން ކާނިވާ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑުން ތެޔޮ އަޅަން ތިއްބާ ފުލުހުން ފެނުނުމުން ފިލަން އުޅެނިކޮށް ވަޅިތަކާއި އެކުއެވެ.
މި މައްސަލަ ފުލުހުން ދަނީ މިހާރު ތަހްގީގު ކުރަމުންނެވެ.
މާރާމާރީ ހިންގަން އުޅުނު ގްރޫޕެއް ފުލުހުން ހައްޔަރުކުރި އިރު މާލެ އާއި އައްޑޫގައި ތޫނު އެއްޗެހި ބޭނުންކޮށް ހިންގި މާރާމާރީގައި ތިން މީހަކު ވަނީ ޒަހަމްކޮށްލާފައެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީ މަރަދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދާ އިރު މިދިޔަ ހޯމަ ދުވަހުގެ ރޭ މާލެ މަޖީދީމަގުން އައްޑޫ ސިޓީ ހިތަދޫ ޒުވާނަކަށް ސީރިއަސް ޒަހަމްތަކެއް ވަނީ ދީފައެވެ. އޭނާއަށް އެޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުންދާއިރު މިއަދު އިތުރު ޒުވާނަކު މާލެއިން ވަނީ ޒަހަމްކޮށްލާފައެވެ.