Last Updated: June 11, 20:32
Thursday, June 11, 2026
ޚަބަރު

ކޮންޓެންޓު ގެނެސްދިނުމުގައި ސަމާލުވުމަށް ޗެނަލް 13 އަށް އަންގައިފި

ޗެނަލް 13 ސްޓޫޑިއޯ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ޕްރޮމޯޓު ކުރާ ޓީވީ ޗެނަލް "ޗެނަލް 13"އިން ކޮންޓެންޓު ފޮނުވުމުގައި ސަމާލުވުމަށް ބްރޯޑްކާސްޓިން ކަމިޝަން (ބްރޯޑުކޮމް)އިން ހަނދާންކޮށްދީފިއެވެ.

ބްރޯޑުކޮމްއިން ޗެނަލް 13އަށް އަންގާފައިވަނީ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު އަސްލެއް ނެތް ދޮގު ހަބަރު ފަތުރައި، އެކޮމިޝަންގެ މެމްބަރުންގެ އަބުރަށް އަރައިގަންނަމުންދާ ކަމަށް ބުނެ ޗެނަލް 13 އާއި ދެކޮޅަށް އިލެކްޝަން ކަމިޝަނުން ހުށަހެޅި މައްސަލަ ބެލުމަށްފަހު ފޮނުއްވި ސިޓީއެއްގައެވެ.

ޗެނަލް 13އަށް ބްރޯޑްކޮމްއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި، އަބުރުގެ ގާނޫނާ ހިލާފު ނުވާނެ ގޮތަށް ކޮންޓެންޓް ފޮނުވުމަށް އެދޭ ކަމަށެވެ. އަދި މުޒާހަރާތަކާއި އެއްވުންތައް ވަގުތުން ބްރޯޑްކާސްޓް ކުރާ އިރު، 60 ސިކުންތުގެ ލަސްކުރުމެއް ލައިގެން ބްރޯޑްކާސްޓްކުރުމަށް ސަމާލުވުމަށް ވެސް ދަންނަވާ ކަމަށް ބްރޮޑްކޮމްގެ ސިޓީގައިވެ އެވެ.

ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ފޮނުވަމުން ގެންދާ ކޮންޓެންޓެއްގެ ސަބަބުން ގައުމުގެ އަމަން އަމާންކަމާއި ސުލްހަ މަސްލަހަތު ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވާފަދަ ކޮންޓެންޓް ނުފޮނުވުމަށް ސަމާލުކަން ދިނުމަށްވެސް ބްރޯޑްކޮމްއިން ވަނީ ޗެނަލް 13އަށް އަންގާފައެވެ.

އިންތިހާބަށް ފަހަށް ޗެނަލް 13 އިން އިލެކްޝަން ކަމިޝަންގެ މެމްބަރުންގެ ފޮޓޯ އަރުވައި، މެމްބަރުން ފިލައިގެން އުޅޭކަމަށް ތުހުމަތުކޮށްފައިވާ އިރު ޕީޕީއެމްއިން ބޭއްވި ހަރަކާތެއްގައި އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފް އާއި ކޮމިޝަންގެ މެމްބަރ އަދި ތަރުޖަމާނު އަހުމަދު އަކްރަމްއަށް ރައީސް އޮފީހުގެ ތަރުޖަމާން ވަގަށް ގޮވި މަންޒަރާއި އަޑުވަނީ ގެނެސްދީފައެވެ.

އިލެކްޝަނުން ޗެނަލް 13 އާއި ގުޅޭ 7 މައްސަލައެެއް ވަނީ ބްރޯޑްކޮމްއަށް ވައްދާފައެވެ.