Last Updated: June 11, 20:32
Thursday, June 11, 2026
ޚަބަރު

މާރާމާރީ އާއި މީހުން މެރުން ހުއްޓުވައި ރާއްޖެ އަމާން ތަނަކަށް ހަދައިދޭނަން: އިބޫ

ރާއްޖެ އަމާން ތަނަކަށް ހައްދަވައި ދެއްވާނެކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

14 އަހަރުގެ ކުއްޖަކު ވަޅިން ހަމަލާދީ ރޭ މަރާލާފައިވަނިކޮށް އިބޫ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ނުރައްކާތެރި މާރާމާރީ އިތުރުވެ، ކުޑަކުދިން މާލެ މަގުމަތީ މަރާލުމުން ކަންކަން ފާލުން ނެއްޓިފައިވާ މިންވަރު ދައްކުވައިދޭ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކުގައި މަސައްކަތްކޮށް ރާއްޖެއަކީ އަމާން ތަނަކަށް ހަދާނަން" އިބޫގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން މާލެ އާއި އައްޑޫގައި ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ދަނީ ހިންގަމުންނެވެ. އެގޮތުން ދެމީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުމާއި ގުޅިގެން އައިސީޔޫގައި ފަރުވާ ދެމުންދާ އިރު ރޭ ވަނީ 14 އަހަރުގެ ކުއްޖަކު މަރާލާފައެވެ.

ރާއްޖޭގައި މާރާމާރީ ހިންގައި ރައްޔިތުން ބޮޑު ބިރުވެރިކަމެއްގައި ތިއްބާ ކުށް މަދުކުރުމުގެ އޮޕަރޭޝަނެއް ފަށާފައިވާކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.