Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ނިންމުން ބާތިލުކުރުމުން ބަލަނީ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް: އީސީ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު - ފޮޓޯ: ގޫގުލް

ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާން ބާތިލުކޮށް، އެ މެމްބަރުންގެ ދާއިރާތަކުގައި ބޭއްވުމަށް އިއުލާންކުރި ބައި އިލެކްޝަންސްތައް ނުބާއްވަން ނިންމައި ކުރި އިއުލާން، ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓުން ބާތިލުކުރުމުން، މިހާރު އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރަމުންދަނީ ކުރިން ނިންމި ނިންމުމާ އެއްގޮތަށް ކަމަށް މިއަދު އެކޮމިޝަނުން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު، އީސީއާ ދެކޮޅަށް ހުށައެޅި މައްސަލައިގެ މިއަދުގެ އަޑު އެހުމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، މެމްބަރުންގެ ގޮނޑިއާ ގުޅިގެން އެކޮމިޝަނުން ކުރި އިއުލާން ސުޕްރީމް ކޯޓުން ބާތިލުކުރުމުން އެކޮމިޝަނުން ވަނީ ކުރިން މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމި ނިންމުން ސައްހަ ކަމަށް ބަލައި އެގޮތަށް އަމަލުކުރުމަށް ނިންމާފައި ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ އިލެކްޝަންސް ކޮމިޝަނުގެ އެސިސްޓެންޓް ލީގަލް އޮފިސަރ އައިޝަތު ސުމައިނާއާ ގިނަ ސުވާލުތަކެއް ކޮށްފައެވެ. އެގޮތުން މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އެކޮމިޝަނުން ނިންމި ނިންމުން ރިވިއުކުރިތޯ ސުވާލުކުރިއެވެ. ޖަވާބުގައި އޭނާ ވިދާޅުވީ އެ ނިންމުން ރިވިއު ކުރި ކަމަށާއި ކޮމިޝަނުން ރިވިއު ކުރުމަށް ފަހު ނިންމީ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމުގައި ކަމަށް އޭނާ ކޯޓުގައި ވިދާޅުވިއެވެ.

ނަމަވެސް އެކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށް، އެ މައްސަލަ ކޯޓަށް ހުށައަޅާފައިވާތީ އެކަމާ ގުޅޭގޮތުން އެއްވެސް ނިންމުމެއް ނިންމުމުގެ ހައިސިއްޔަތު އިލެކްޝަންސް ކޮމިޝަނަށް ގެއްލިފައިވާ ކަމަށް ބުނެ ކުރި އަމުރާއެކު ކޮމިޝަނުގެ ނިންމުން ބަދަލުވެފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ހުކުމް އިއްވި ހަތަރު މެމްބަރުން ފިޔަވައި، ބާކީ ތިބި މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އޭނާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން އެދިފައެވެ.

ދިފާއުގައި އަބުޅޯގެ ވަކީލު ކޯޓުގައި ވާހަކަ ދައްކަމުން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އަބުޅޯގެ ގޮނޑި ގެއްލިފައިވާ ކަމަށް އިއުލާންކޮށް މަޖިލީހަށް އަންގާފައިވަނީ އޭނާ، ޕީޕީއެމުން ވަކިވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވާފައިވާތާ އެތައް ދުވަހެއް ފަހުން ކަމަށެވެ. އަދި ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވާ ގޮތުން އެޕާޓީން ވަކިވުމަށް އެދި ސިޓީ ހުށައަޅާ މީހަކު ޕާޓީގައި އިތުރު މުއްދަތަކަށް ބެހެއްޓުމުގެ އިޚްތިޔާރު ޕާޓީއަށް ނުވަތަ އިލެކްޝަންސް ކޮމިޝަނަށް ވެސް ލިބިގެން ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލަ ހުށައެޅުއްވުމުގެ ކުރިން، އަދި އެމައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ކުރިންވެސް އަބްދުﷲ އަހުމަދު ޕާޓީން ވަކިވެފައިވާކަން އަންގާފައިވާއިރު ވަކިނުކޮށް ހުރުމުގެ އިޚްތިޔާރު އީސީއަށް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްތޫރު ހުސްނީ ވިދާޅުވީ އަބްދުﷲ އަހުމަދު ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު ޕީޕީއެމަށް އެޕާޓީން ވަކިވެފައިވާ ކަން އަންގައި އިއުލާންކޮށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު، އިލެކްޝަންސް ކޮމިޝަނަށް ވެސް އެކަން ލިޔުމުން އަންގާފައިވާނެ ކަމަށެވެ. ބަންޑާރަ ނައިބު ހުށައެޅުއްވި މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް އިއްވީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ކަމަށްވާތީ އެހުކުމުގައި ވާގޮތުން، ހުކުމް އިއްވި ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ތަމްސީލު ކުރާ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ކުރި އަމުރު އަބުޅޯގެ މައްޗަށް ނުހިނގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވަނީ އަބްދުﷲ ގެ ފަރާތުން އީސީއަށް ހުށައެޅި ސިޓީ ލިބިފައިވޭތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި އީސީން ބުނެފައިވަނީ އެ ސިޓީ ލިބިފައިވާ ކަމަށެވެ. އަދި އެކަމާ އެކޮމިޝަނުން އިއުތިރާޒެއް ނުކުރައްވާ ކަމަށާއި ނަމަވެސް އަބުޅޯއަށް، ޕާޓީން ވަކިވުމުގެ ގަވާއިދާއި އެއްގޮތަށް އަމަލުކުރުމަށް އެދި ޖަވާބުގައި ސިޓީއެއް ފޮނުވި ކަމަށް ވެސް ވިދާޅުވިއެވެ.

މިމައްސަލާގައި ދެފަރާތުގެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު މިއަދު ވަނީ މައްސަލައިގެ އަޑުއެހުން ނިންމާލާފައެވެ. ފަނޑިޔާރުންގެ ބެންޗުން ވަނީ މައްސަލައިގެ ހުކުމް ވަރަށް އަވަހަށް އިއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ވަކި ތާރީޚެއް އަންގާފައެއް ނުވެއެވެ. ސުޕްރީމް ކޯޓުން ވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކޮށްފައެވެ.