ސެޕްޓެމްބަރ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާއި ގުޅިގެން ރައީސް ޔާމީންގެ ފަރާތުން ސުޕުރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކީ އިންތިހާބު ބާޠިލް ކުރުން ކަމަށް އިލެކްޝަން ކަމިޝަނުން ބުނެފިއެވެ.
އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު މިއަދު ވިދާޅުވީ ޕީޕީއެމްއިން ހުށަހެޅި ދުސްތޫރީ މައްސަލައިގެ އިބްތިދާއީ އަޑުއެހުން މިއަދު ހެނދުނު 9:45ގައި ބާއްވާފައިވާ ކަމަށެވެ. އަދި މައްސަލަ އާއި ގުޅޭ ލިޔެކިއުން އިލެކްޝަން ކަމިޝަނާއި ހަވާލު ކޮށްފައިވާ ކަމަށެވެ.
ޝަރީފު ވިދާޅުވީ މައްސަލައަށް ހޮނިހިރު ދުވަހުގެ 11 ޖަހާއިރަށް ކަމިޝަނުން ޖަވާބުދާރީވުމަށް އަންގާފައިވާކަމަށެވެ. މި މައްސަލައަށް ވީހާވެސް އަވަހަށް ޖަވާބު ދާރީވާނެކަމަށް ޝަރީފު ވިދާޅުވިއެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އިންތިހާބުގެ މައްސަލަ އިއްޔެ ކޯޓަށް ވެއްދުމަށްފަހު ރައީސް ޔާމީންގެ ވަކީލް ރޭނިސް ސަލީމް ވިދާޅުވީ މައްސަލަ ކޯޓަށް ހުށަހަޅުއްވަން ރައީސް ޔާމީން ނިންމެވީ ސަޕޯޓަރުންގެ ޝަކުވާއަށް ބެެއްލެވުމަށް ފަހު ކަމަށެވެ.
ރިޔާސީ އިންތިހާބްގެ ނަތީޖާ ގަބޫލްކޮށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ރައީސް ޔާމީން ވަނީ މަރުހަބާ ދަންނަވާފައެވެ.
ދައުލަތުގެ ހުރިހާ ވަސީލަތް ބޭނުން ކުރައްވައި ކެމްޕެއިން ކުރެެއްވި ރައީސް ޔާމީންގެ މައްޗަށް، އިދިކޮޅު ކޯލިޝަނުން ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކުރި ހޯއްދެވީ 134،705 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،052 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.