Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ރައްޔިތުންގެ ނިންމުން ބަދަލެއް ނުކުރެވޭނެ: އެމެރިކާ

ރިޔާސީ އިންތިޚާބު ބާތިލުކުރަން ރައީސުލްޖުމުހޫރިއްޔާގެ ފަރާތުން ކޯޓަށް ހުށައަޅަން އުޅޭ ޚަބަރު ލިބިފައިވާ ކަމަށާއި ރައްޔިތުންގެ ނިންމުން ބަދަލު ކުރަން އުޅޭތީ ކަންބޮޑުވާ ކަމަށާއި އެކަން ކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ދެކުނު އަދި މެދު އޭޝިޔާގެ ބިއުރޯގެ ޑެޕިއުޓީ އެސިސްޓަންޓް ސެކެޓްރީ އެލިސް ވެލްސް ވިދާޅުވެއްޖެއެވެ.

ދާދި ފަހުން ރާއްޖެ ވަޑައިގެންނެވި ވެލްސް ވަނީ ދިވެހި ރައްޔިތުން ބަސް އިއްވާފައި ކަމަށް ވިދާޅުވެ އެނިންމުމަށް އިހުތިރާމް ކުރުމަށް ގޮވާލާފައެވެ. އަދި ނިމިގެންދިޔަ އިންތިޚާބަކީ ޑިމޮކްރެޓިކް އިންތިޚާބެއް ކަމަށާއި އިންތިޚާބުގައި މައްސަލައެއް ވެސް ނޫޅޭކަމަށް ކަމާ ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބު ބާތިލުކުރަން ހުށައަޅާފައިވާ ކަން އެނގިފައިވާ ކަމަށް ވެލްސް ވިދާޅުވިއިރު އޭނާ ވަނީ އެމައްސަލަ ހުށައެޅީ ރައީސް ޔާމީންގެ ފަރާތުން ކަން ފިޔަވައި އިތުރު ތަފްސީލެއް ލިބިފައިނުވާ ކަމަށެވެ.

އެހެން ނަމަވެސް ޑިމޮކްރެޓިކް ހަމަތަކަށް ފުށޫއަރުވާ ކަމަށްވާނަމަ އެއީ މައްސަލައެއް ކަމަށާއި އެމެރިކާއިން އެކަމަށް ތާއީދުކޮށް ހިތްވަރުނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ކުރުމަށް އެމެރިކާއިން ފުރުސަތެއް ނުދޭނެ ކަމަށް ވެސް ވެލްސް ވަނީ ވިދާޅުވެފައެވެ.