މަދުން ޕޮއިންޓް ލިބިފައިވާ ބައެއް ފަރާތްތަކަށް ފްލެޓް ދެވިފައިވަނީ އޮޅިގެން ކަމަށް ހައުސިންގ މިނިސްޓަރ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންސާނުން ކަމަށާއި މަސައްކަތް ކުރާއިރު "މިސްޓޭކެއް" ހެދިދާނެ ކަމަށެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވަނީ އެފަދަ ބައެއް މައްސަލަ ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތަށް ކަން ހިނގާފައިވަނީ ގަސްދުގައި މީހަކަށް ނުހައްގުން މޮޅު ގޮތެއް ހޯދާދިނުމަށް ނޫން ކަމަށެވެ.
"މިހާރު މިދަނީ އެފަދަ މައްސަލަތައް ބަލަމުން"، މުއިއްޒު ވިދާޅުވި އެވެ.
އަދި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކުރާއިރު އެ މައްސަލަ ރަނގަޅު ކުރުމަށް ފަހު ލިސްޓު އާންމުކުރެވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޮޅިގެން މަދުން ޕޮއިންޓު ލިބިފައިވާ މީހުނަށް ފްލެޓު ދެވިފައިވި ނަމަވެސް އެފަދަ މައްސަލަ ދިމާވެފައިވަނީ ވަރަށް މަދުން ކަމަށް މުއިއްޒު ވިދާޅުވެފައިވެއެވެ. ނަމަވެސް ވަރަށް ގިނަ ބަޔަކު ވަނީ 80 އަށް ވުރެ ގިނަ ޕޮއިންޓު ލިބިފައިވާ މީހުން އެއްކާރިކޮށް، 30 އަށް ވުރެ މަދުން ޕޮއިންޓު ލިބުނު މީހުންނަށް ފްލެޓު ދީފައިވާ ކަމަށް ބުނެ ޝަކުވާ ކޮށްފައެވެ.