Last Updated: April 18, 21:24
Thursday, April 18, 2024
ޚަބަރު

މުޖްތަމައުގެ ތެރެއިން: ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ކުރިން ސަލާމަތް ކޮށްދީ!

މުޖްތަމައުގެ ތެރޭގައި ހިނގާ ކަންކަމުގެ ތެރެއިން އެކި ފަރާތްތަކުން ގެންނަ ބޮޑެތި މައްސަލަ ތަކުގެ ތެރެއިން މި ފަހަރު މިގެނެސްދެނީ އައްޑޫ ސިޓީގެ މަގެއްގައި ހުރި ބޮކި ދަނޑިއަކާއި ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ފާޅުކޮށްފައިވާ ކަންބޮޑުވުމެކެވެ.

މިފަދަ ބައެއް އެހެން ބޮކި ދަނޑިތައް ހުރިކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާއިންނެވެ.

ކައުންސިލް އިދާރާގެ ފޭސްބުކު ޕޭޖް މެދުވެރިކޮށް ހައުސިން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވަނީ ބޮކި ވެއްޓެން ކައިރިވެފައިވާ ބޮކި ދަނޑިއެކެވެ. މިއީ ނުރައްކާތެރި ކަމެކެވެ. މީގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުން ވުމަކީ އެކަށީގެންވާ ކަމެކެވެ.

އައްޑޫގެ މަގުތަކުގެ މަގު ބައްތި ބަލަހައްޓަނީ ހައުސިން މިނިސްޓްރީންނެވެ. މި މަސައްކަތަކީ މީގެ ކުރިން ކައުންސިލުން އަމިއްލަ ބަޔަކާއި ހަވާލުކޮށްގެން ބަލަހައްޓަމުން ދިޔަ ކަމެކެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރު ރައީސް ޔާމީންގެ ސަރުކާރުން ކަނޑާލައި ކައުންސިލްގެ ގިނަ މަސައްކަތްތައް އެކި މިނިސްޓްރީ ތަކާއި ވަނީ ހަވާލުކޮށްފައެވެ.

ކޮންމެއަކަސް ސިޓީ ކައުންސިލުން ހައުސިން މިނިސްޓްރީގެ ސަމާލުކަމަށް މިގެނައި ބިރުވެރި މައްސަލައަށް އަވަސް ހައްލެއް ބޭނުމެވެ. މިއީ ހުރިހާ ރައްޔިތުންގެވެސް އެދުމެވެ.