ޚަބަރު

އިންތިޚާބު ބާތިލްކުރުމަށް ހުށަހެޅި މައްސަލަ އާދިއްތަ ދުވަހަށް ތާވަލުކޮށްފި

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރާއްޖޭގެ ރިޔާސީ އިންތިޚާބު ބާތިލްކުރުމަށް، އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ޝަރީޢަތް އާދިއްތަ ދުވަހު ފަށަން ތާވަލްކޮށްފި އެވެ.

އެ މައްސަލައިގެ ޝަރީޢަތް ސުޕްރީމް ކޯޓްގައި ތާވަލްކޮށްފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 އަށެވެ.

މިއަދު ހެނދުނު މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވާފައިވާއިރު، އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ލިޔުމުން އެ މައްސަލަ އަށް ޖަވާބުދާރީވާން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.

އިންތިޚާބު ބާތިލްކުރުމަށް ހުށަހަޅާފައިވާއިރު، ރައީސް ޔާމީން ވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް ޤަބޫލުކުރައްވައި، ކާމިޔާބުވެވަޑައިގެންނެވި އިދިކޮޅު ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ބައްދަލުކުރައްވައި މަރުޙަބާ ވެސް ދަންނަވާފައެވެ.

އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ ނަތީޖާ އީސީ އިން އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމް އިން ވަނީ މަދު ބަޔަކާއެކު މުޒާހަރާ އަށް ވެސް ނިކުމެފައެވެ.

ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން، ރައީސް ޔާމީން އަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ 41.60% އެވެ. އަދި އިބޫ އަށް ލިބިވަޑައިގެންފައި ވަނީ 134،705 ވޯޓާއެކު 58.40% ގެ ބޮޑު މެޖޯރިޓީ އެކެވެ.

އިލެކްޝަންސް ކޮމިޝަން އިން ވަނީ އެ ނަތީޖާ ރަސްމީކޮށް އިއުލާންކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ވެސް ޝާޢިރުކޮށްފައެވެ.