ސަރުކާރުން ރައްޔިތުންނަށް ހެޔޮ ކަމެއް ކޮށްދޭން ފެށުމުން އެކަމާ ހެދި ބަޔެއްގެ ލޮލަށް ނިދި ނައިސްގެން އުޅޭތީ ކަންބޮޑުވާ ކަމަށް ހައުސިން މިނިސްޓަރ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި އާންމުންނަށް ހެޔޮ އަގުގައި ވިއްކުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ޕްރެސް ކޮންފަރެންސުގައި މިނިސްޓަރު ވިދާޅުވީ މިކަމަކީ ސަރުކާރުން ވަރަށް ހެޔޮ ނިޔަތުގައި ކުރާ ކަމެއް ކަމަށެވެ.
އަދި އެފަދަ ޚިދުމަތެއް، ޚާއްސަކޮށް ބޯހިޔާވަހިކަމުގެ ހިދުމަތެއް ދިނުމުން އެކަމާ ދެކޮޅަށް މަސައްކަތް ކުރާ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހުޅުމާލެއިން 400 ގޯތި ވިއްކުމަށް ހުޅުވާލާފައިވާއިރު ގޯއްޗަށް އެދި ފޯމު ހުށައެޅުމުގެ ގިނަ ބަޔަކު ވަނީ ރޭ ނުނިދާ ހޭލާ ތިބެ ކިޔޫ ހަދައިގެން މަގުމަތީގައި މަޑުކޮށްފައެވެ. މިނިސްޓަރު މުއިއްޒު ވިދާޅުވީ އެފަދަ ދަތިތަކެއް ކުރިމަތިވާތީ ހިތާމަ ކުރާ ކަމަށާއި އެކަމަށް ނުހަނު މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.