ސަރުކާރު ބަދަލުކުރުމުގެ މަރުޙަލާ އޮމާންކަމާއެކީ ކުރިއަށް ގެންދިއުމަށާއި، ދިވެހި ރައްޔިތުންގެ ނިންމުން ނެގެހެއްޓުމަށް ގުޅިފައިވާ އިއްތިހާދުން، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ގޮވާލައިފި އެވެ.
ގުޅިފައިވާ އިއްތިހާދުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 23 ސެޕްޓެމްބަރުގެ ރިޔާސީ އިންތިޚާބުން 38،000 ވޯޓުގެ ތަފާތަކުން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް ޔާމީން ވަނީ 24 ސެޕްޓެމްބަރުގައި އެމަނިކުފާނުގެ ބަލި ޤަބޫލުކުރައްވާފައި ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު ވަނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އިންތިޚާބުގައި މަކަރު ހެދި ކަމަށް ވިދާޅުވެ، އިލެކްޝަންސް ކޮމިޝަން އިން ވޯޓު އޮޅުވާލި ކަމަށް ތުހުމަތުކުރައްވައި މުޒާހަރާ އަށް ނިކުތުމަށް ގޮވާލައްވާފައި ކަމަށެވެ. އަދި އޭގެ ފަހުން އިންތިޚާބު ބާތިލްކުރުމަށް ގޮވާލައި ރައީސް ޔާމީން އާއެކު ވެރިކަންކުރާ ޕާޓީ، ޕީޕީއެމް އިން މުޒާހަރާކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
10 އޮކްޓޯބަރު ވީ ބުދަ ދުވަހު ޕީޕީއެމް އިން ވަނީ އެ ޕާޓީ އަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ ރައްޔިތުންގެ ޝަކުވާތަކާއެކު "ދުސްތޫރީ މައްސަލައެއް" ސުޕްރީމް ކޯޓަށް ހުށަހަޅާފައިކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ ރައީސް އަބްދުﷲ ޔާމީންގެ މެމްބަރު (އަހުމަދު ސަލީމް) ކަމަށާއި، އޭގެއިން ވެސް ޔަޤީންވެގެންދަނީ ޖުޑިޝަރީގެ މިނިވަންކަމާއިމެދު އުފެދިފައިވާ ޝައްކުތަކުގެ ސައްޙަކަން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަން އިން ވަނީ އެ ކޮމިޝަންގެ މައްޗަށް ކޮށްފައިވާ ހުރިހާ ތުހުމަތަކަށް އިންކާރުކޮށްފައި ކަމަށާއި، އިންތިޚާބުގެ ނަތީޖާ ބަދަލުވެދާނެ ފަދަ އެއްވެސް ޝަކުވާއެއް އީސީ އަށް ހުށަހަޅާފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމުގެ ކުރިން، ރައީސް އަބްދުﷲ ޔާމީންގެ ކޮޅަށް އިލެކްޝަންސް ކޮމިޝަން އިން ބުރަވެފައިވާ ކަމަށް ބުނެ އިދިކޮޅު އިއްތިހާދުން ގިނަ އަދަދެއްގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް ވެރިކަން ހިންގާ ޕާޓީ އިން ވޯޓު ގުނާ ނިމުނުތާ ހަފްތާއެއް ވުމުގެ ކުރިން އެއްވެސް ޝަކުވާއެއް ނުވަތަ އެއްވެސް ކަންބޮޑުވުމެއް ވެސް ފާޅުކޮށްފައި ނުވާކަން އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ސުޕްރީމް ކޯޓް މެދުވެރިކޮށް އިންތިޚާބު ބާތިލްކުރުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅުން ރަމްޒުކޮށްދެނީ 2013 ވަނަ އަހަރުގެ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުވި ގޮތް ކަމަށެވެ. އަދި އެ ފަހަރުގެ އިންތިޚާބު ރައީސް ޔާމީން ކާމިޔާބުކުރެއްވީ، އެއިރުގެ އިދިކޮޅު ކެންޑިޑޭޓް، ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ހޯއްދެވި ވޯޓުގެ ދެ ބުރު ބާތިލް ކުރުމަށްފަހު ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން، އަމާންކަމާއި އޮމާން ކަމާއެކު ވެރިކަމުގެ ބާރުތައް ބަދަލުކުރުމަށް މަގުފަހިކުރުމަށްޓަކައި އެއްވެސް ހެއްކެއް އަދި ޤަރީނާއެއް ވެސް ނެތި ކޯޓަށް ހުށަހަޅާފައިވާ މި މައްސަލަ އަނބުރާ ގެންގޮސް، އެއްފަރާތަށް ޖެހިވަޑައިގެންނެވުމަށް ގުޅިފައިވާ އިއްތިހާދުން ވަނީ ރައީސް ޔާމީން އަށް ގޮވާލާފައެވެ.
އަދި ރައްޔިތުންގެ ނިންމުން ނަގަހައްޓައި، ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު އާއި ވެރިކަން ހަވާލުކުރުމުގައި ނާކާމިޔާބުވެވަޑައިގެންނެވި ކެންޑިޑޭޓަށް އެއްވެސް ގޮތަކަށް ހުރަސް ނޭޅޭކަން ކަށަވަރުކޮށްދިނުމަށް ސުޕްރީމް ކޯޓާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށާއި ސަލާމަތީ ބާރުތަކަށް ގުޅިފައިވާ އިއްތިހާދުން ވަނީ ގޮވާލާފައެވެ.
އެ ބަޔާން ނިންމާލަމުން ބުނެފައި ވަނީ ގަދަބާރުން ވެރިކަން ކުރާ ވެރިއެއްގެ ކިބައިން ސަލާމަތްވުމަށްޓަކައި ދިވެހި ރައްޔިތުން ބޭނުންކުރީ ވޯޓު ކަމަށެވެ. އަދި ޑިމޮކްރެސީ އާއި ހަމަޖެހުން ރާއްޖެއަށް ގެނައުމަށްޓަކައި ދިވެހި ރައްޔިތުން ކުރި ބުރަ މަސައްކަތުން ލިބުނު ނަތީޖާ ގަޑުބަޑުކޮށްލުމުގެ ފުރުސަތު ރައީސް ޔާމީން އަށް ދެވިގެން ނުވާނެ ކަމަށް ވެ އެ ބަޔާނުގައި ވެއެވެ.