ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބާތިލްކުރަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ކުރިއަށްގެންދަން ވާނީ ހުޅުވާލައިގެން ކަމަށް މަޝްހޫރު ޤާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.
ސުއޫދު މިހެން ވިދާޅުވެފައި ވަނީ މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގަ އެވެ.
https://twitter.com/hsuood/status/1050342525649575936
އެ ޓްވީޓްގައި ސުއޫދު ވިދާޅުވެފައި ވަނީ އިންތިޚާބާއި ބެހޭ މައްސަލަ ސުޕްރީމް ކޯޓްގައި ހިންގަން ވާނީ އާންމުންނަށް ހުޅުވާލައިގެން، ޓީވީ އިން ލައިވްކޮށް ދައްކައިގެން ކަމަށެވެ.
"މިއީ ރައްޔިތު އެންމެންގެ މަސްލަހަތާ ގުޅިފައިވާ މައްސަލައެއް"، ސުއޫދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ
ސުއޫދު މިހެން ވިދާޅުވެފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލި ކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީޢަތް އަންނަ އާދިއްތަ ދުވަހަށް ސުޕްރީމް ކޯޓްގައި ތާވަލްކުރުމާއި ގުޅިގެންނެވެ.
އެ މައްސަލަ ސުޕްރީމް ކޯޓްގައި ތާވަލްކޮށްފައި ވަނީ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 އަށެވެ.
މިއަދު ހެނދުނު މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވާފައިވާއިރު، އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ލިޔުމުން އެ މައްސަލަ އަށް ޖަވާބުދާރީވާން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.
އިންތިޚާބު ބާތިލްކުރުމަށް ހުށަހަޅާފައިވާއިރު، ރައީސް ޔާމީން ވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް ޤަބޫލުކުރައްވައި، ކާމިޔާބުވެވަޑައިގެންނެވި އިދިކޮޅު ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ބައްދަލުކުރައްވައި މަރުޙަބާ ވެސް ދަންނަވާފައެވެ.
އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ ނަތީޖާ އީސީ އިން އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމް އިން ވަނީ މަދު ބަޔަކާއެކު މުޒާހަރާ އަށް ވެސް ނިކުމެފައެވެ.
ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން، ރައީސް ޔާމީން އަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ 41.60% އެވެ. އަދި އިބޫ އަށް ލިބިވަޑައިގެންފައި ވަނީ 134،705 ވޯޓާއެކު 58.40% ގެ ބޮޑު މެޖޯރިޓީ އެކެވެ.
އިލެކްޝަންސް ކޮމިޝަން އިން ވަނީ އެ ނަތީޖާ ރަސްމީކޮށް އިއުލާންކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ވެސް ޝާޢިރުކޮށްފައެވެ.