ފެނަކަ ކޯޕަރޭޝަންގެ އައްޑޫ މަރުކަޒީ އިންޖީނުގޭގައި މަސައްކަތް ކުރާ ތިން މުވައްޒަފަކު 30 ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.
ފެނަކަ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލައްމާން ސޮއިކޮށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކުންފުނިން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން 12 އޮކްޓޯބަރުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ވަޒީފާއިން ސަސްޕެންޑު ކުރެވުނު ވާހަކަ ދަންނަވާކަމަށެވެ. އަދި މި މުއްދަތުގައި މި މައްސަލަ އާއި ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އެދިއްޖެނަމަ އެކަމަށް އެއްބާރުލުން ދެއްވުމަށެވެ.
ވަޒީފާއިން ސަސްޕެންޑުކޮށްފައިވަނީ އިންޖީނުގޭގެ، އެސިސްޓެންޓު އިންޖިނިއަރ މުންސިފް އަލީ އާއި ސ. ބްރާންޗުގެ ޓެކްނީޝަން ހުސެއިން ލިޒާމް އާއި ޓެކްނިޝަން މުހައްމަދު ޝިޔާރުއެވެ.
މި ތިން މުވައްޒަފުންނަށް 30 ދުވަހުގެ ސަސްޕެންޝަން ނޯޓިސް ދީފައިވަނީ ކުންފުނީގެ ގަވާއިދާއި ހިލާފަށެވެ. ފެނަކަ ކުންފުނީގެ ވަޒީފާ އާއި ބެހޭ ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ)ގެ 4 ގައި ބުނެފައިވަނީ ވަޒީފާގެ މުއްދަތަށް ނުކުތުން 14 ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ހުއްޓުވުން" އެވެ.
ފެނަކައިގެ ތިން މުއްވައްޒަފަކު ސަސްޕެންޑު ކުރި އިރު ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ކެމްޕެއިނަށް ކުންފުނީގެ ތަކެތި ބޭނުން ކުރުމާއި ބައެއް މުވައްޒަފުން ދެކޮޅު ހެދިއެވެ. އަދި ސިޔާސީ ޖަލްސާތަކަށް ދިއުމަށް އިންކާރުކޮށްފައިވެއެވެ.
ސަސްޕެންޑު ކުރި މުވައްޒަފުންގެ ތެރޭގައި ހިމެނޭ ޓެކްނީޝަން ޝިޔާރު، ވޯޓު ގުނަމުންދިޔަ ވަގުތު ޑިއުޓީގައި ހުއްޓާ އޭނާ ޑިއުޓީ އަދާކުރަމުން ދިޔަ ޓްރާންސްފޯރަުގެ ދޫކޮށް ތަޅުދަނޑި އާއި އެކު އިންޖީނުގެއަށް އައުމަށް ކުންފުނީގެ އިސްވެރިޔަކު އެންގި އެންގުން ޝިޔާރުވަނީ ދެކޮޅު ހަދައި ޓްރާންސްފޯމަރުގެ ދޫކޮށްނުލާނެކަމަށް ބުނެފައެވެ.
ފެނަކައިގެ މުވައްޒަފުން ތަކެއް ސަސްޕެންޑު ކޮށްފައިމިވަނީ ސަރުކާރު ބަދަލުވަމުންދާ ދަޑިވަޅު މުވައްޒަފުން ވަޒީފާއިން ޕްރޮމީޓު ކުރުމާއި، ފިޔަވަޅު އެޅުމާއި ވަކި ނުކުރަން އިންތިހާބީ ރައީސްގެ ފަރާތުން އިންތިގާލީ ކޮމެޓީން އަންގާފައިވާ ދަނޑިވަޅެއްގައެވެ.