ރިޔާސީ އިންތިހާބާއި ދިމާކޮށް އައްޑޫން ބިން ދޫކުރަން ހައުސިން މިނިސްޓްރީން ފެށި މަސައްކަތް މަޑު ޖައްސާލުމަށް އައްޑޫ ސިޓީ ކައުންސިލުން އެދިއްޖެއެވެ.
ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އައްޑޫން ދޫކުރުމަށް ހަމަޖެހިފައިވާ 400 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާއި، މީގެ އިތުރުން އައްޑޫން ވިޔަފާރިކުރުމަށް ބިންކުއްޔަށް ދޫކުރުމާއިގުޅޭ މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"ރިޔާސީ އިންތިޚާބު 2018 ގައި ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އަށް ކެމްޕެއިންކޮށްދެއްވި ފަރާތްތަކަކަށް ބިން ދިނުމުގެ މަގުޞަދުގައި ކަމަށްބުނެ ގިނަޢަދަދެއްގެ ރައްޔިތުން ތުހުމަތު ކުރަމުންދާތީއާއި، މި ގޯތިތަކާއި ބިންތައް ދޫކުރުމަށް މަސައްކަތްކުރަމުންދަނީ އައްޑޫގެ ލޭންޑްޔޫސް ޕްލޭނާއި ޚިލާފަށްކަމަށް ތުހުމަތު ކުރެވޭތީއާއި، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އިންތިޚާބީ ރައީސްގެ ފަރާތުން މިފަދަ ކަންކަން މަޑުޖައްސާލުމަށް އަންގަވާފައިވަނިކޮށް އަވަސްއަރުވާލައިގެން މިފަދަކަމެއް ކުރަން އުޅުމަކީ ވަކިފަރާތަކަށް ނަޖާއިޒް މަންފާއެއް ހޯދައި ދިނުމުގެ މަޤްޞަދުގައި ކުރެވޭކަމެއްކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ." ބަޔާނުގައި ވެއެވެ.
ކައުންސިުން ބުނީ މިކަމަކީ އައްޑޫ ރައްޔިތުންނާއި ގުޅިފައިވާ މުހިއްމު ކަމަކަށްވާ އިރު އަދި ކުރިޔައްއޮތް ތަނުގައި ބިންބިމާއި ބެހޭ މަސައްކަތް ކުރަންޖެހޭނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވާގޮތުގެމަތިން ކައުންސިލުން ކަމަށްވާއިރު މި މަސައްކަތް މިވަގުތަށް މަޑުޖައްސާލުމަށެވެ.
އަދި މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ކައުންސިލުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރަސްމީކޮށް އެދިފައިވީނަމަވެސް މިއަދާހަމައަށްވެސް އެސިޓީއަށް ޖަވާބުދީފައިނުވާކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
ހައުސިން މިނިސްޓްރީން ދިރިއުޅުމަށް ގޯތި ދޭން އިއްލާން ކޮށްފައިވަނީ 400 ގޯއްޗަށެވެ. ނަމަވެސް މިހާރު އެ އަދަދު 450 އަށް އިތުރު ކުރެވުނު އަޑުވަނީ ފެތުރިފައެވެ. މިކަމުގެ އެއްވެސް ތަފްސީލެއް އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީން ފޯރުކޮށް ނުދެއެވެ.