Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ރައްޔިތުންގެ ނަފްރަތު ކޯޓްތަކުގެ ފަނޑިޔާރުންގެ ބޮލަށް ޖަހަން ނޫޅުއްވާ: ސަމީރު

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަށް ކުރި ނަފްރަތު، ކޯޓްތަކުގެ ފަނޑިޔާރުންގެ އިސްތަށިފުޅުގައި އެޅުވުމަށް މަސައްކަތް ނުކުރެއްވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސެކްރެޓަރީ ޖެނެރަލް، އަހްމަދު ސަމީރު ގޮވާލައްވައިފި އެވެ.

ސަމީރު މިހެން ގޮވާލައްވާފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ސަމީރު ވިދާޅުވެފައި ވަނީ ދިވެހި ރައްޔިތުންނަކީ މޮޔަބައެއް ކަމަށް ރައީސް ޔާމީން ހީފުޅުކުރައްވައިގެން ނުވާނެ ކަމަށެވެ. އަދި ރައްޔިތުން ރައީސް ޔާމީން އަށް ނޫނެކޭ ބުނެ، ބޮޑުތަނުން ބަލިކުރުމުން ބަލި ޤަބޫލުކުރެއްވުމަށްފަހު، އެމަނިކުފާނަށްޓަކައި ރައްޔިތުންގެ ހިތުގައި އޮތް ނަފްރަތު ކޯޓްތަކުގެ ފަނޑިޔާރުންގެ ބޮލަށް ޖަހަން ނޫޅުއްވުމަށް ވެސް ސަމީރު ވަނީ ގޮވާލައްވާފައެވެ.

"ޤައުމު ފަސާދަކުރުން ހުއްޓާލައްވާށެވެ."، ސަމީރުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މިމޭރުމުން ވާހަކަދައްކަވައި ސަމީރު ޓްވީޓެއް ކުރައްވާފައި ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ، އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން، އިންތިޚާބު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމާއި ގުޅިގެންނެވެ.

އެ މައްސަލައިގެ ޝަރީޢަތް ވަނީ އާދިއްތަ ދުވަހަށް ސުޕްރީމް ކޯޓްގައި ތާވަލްކޮށްފަ އެވެ.