ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމްގެ ފަރާތްޕުޅުން އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން އަވަށްޓެރި އިންޑިއާ އަށް ވަޑައިގެންފި އެވެ.
މި ސަރުކާރުގައި ފޮރިން މިނިސްޓަރުގެ މަޤާމް ވެސް އަދާކުރައްވާފައިވާ ދުންޔާ، ރައީސް މައުމޫންގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އިންޑިއާ އަށް ވަޑައިގެންފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ.
Visiting Delhi, India for some unofficial meetings on behalf of my father, HE Maumoon Abdul Gayoom. pic.twitter.com/E8jTDF2z7R
— Dunya Maumoon (@dunyamaumoon) October 12, 2018
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ދުންޔާ އިންޑިއާގެ ދިއްލީ އަށް މިއަދު ވަޑައިގެންފައި ވަނީ އެޤައުމުގެ ސަރުކާރާއި މަޝްވަރާކުރެއްވުމަށެވެ. އެހެންނަމަވެސް މި ދަތުރުފުޅާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ދުންޔާ މިއަދު އިންޑިއާއަށް ވަޑައިގެންނެވިއިރު، ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ކަފާލާތުގެ ދަށުން ރައީސް މައުމޫން މިނިވަންވެފައި ވަނީ މި މަހުގެ ކުރީކޮޅު އެވެ.
މައުމޫން ދޫކޮށްލާފައިވަނީ 60،000 ރުފިޔާ ބެހެއްޓުމަށް ފަހުއެވެ.
ރައީސް މައުމޫން މިނިވަންވުމާ އެކު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ފޯނުން ގުޅުއްވައި އެމަނިކުފާނަށް ހިތްވަރު ދެއްވައިފަ އެވެ.
ރައީސް މައުމޫންގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ. ނަމަވެސް އެ މައްސަލާގެ ޝަރީއަތް އަދި ދަށު ކޯޓުގައި ވެސް ނުފެށެ އެވެ. ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ.