Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޝެއިޚް ޝަމީމް އިންޑިއާ އެއާޕޯޓުން ހައްޔަރުކޮށް ޑީޕޯޓްކުރަނީ

ޝެއިޚް ޝަމީމް - ފޮޓޯ: އަހްމަދު ޝުރާއު (އަވަސް)

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އާދަމް ޝަމީމް އިބްރާހިމް އިންޑިއާގެ އެއާޕޯޓެއްގައި ހިފަހައްޓައި އެގައުމުން ޑީޕޯޓު ކޮށްލުމަށް ނިންމައިފި އެވެ.

"ވީނިއުސް" އިން ރިޕޯޓްކުރާ ގޮތުގައި ޝެއިޚް ޝަމީމް މިއަދު ހެނދުނު އިންޑިއާއަށް ވަޑައިގަތުމުން، ޓްރިވެންޑްރަމް އެއާޕޯޓުގައި ހިފެހެއްޓުމަށް ފަހު، ޝަމީމް އެޤައުމުން ޑީޕޯޓްކުރުމަށް ކަމާބެހޭ އިދާރާތަކުން ނިންމާފައިވާ ކަމަށެވެ.

އެހެންނަމަވެސް ޝަމީމް ހައްޔަރު ކުރި ސަބަބެއް އަދި ޑީޕޯޓު ކުރާ ސަބަބެއްވެސް ސާފެއް ނުވެއެވެ.

ޝަމީމް ހިފެހެއްޓުމަށްފަހު އެންމެ އަވަހަށް ރާއްޖެ އަންނަ ފްލައިޓެއްގައި އޭނާ މާލެ ފޮނުވާލުމަށް ނިންމި ކަމުގައިވިޔަސް، ފަހުން އިމިގްރޭޝަނުން ވަނީ އެ ނިންމުން ބަދަލުކޮށް ޝަމީމް ޑީޕޯޓު ކޮށްލުމަށް ފަހު މާދަމާ މާލެ ފޮނުވާލުމަށް ނިންމާފައި ކަމަށްވެސް "ވީނިއުސް" އިން ރިޕޯޓްކުރެއެވެ.

އަދި ޝެއިޚް ޝަމީމް އިންޑިއާއަށް ވަޑައިގެންނެވީ އާއިލާގެ ބޭފުޅަކާއި އެކު ބޭސްފަރުވާ އަށް ކަމަށާއި، އެއާޕޯޓުން ޝަމީމް ހައްޔަރުކުރުމާއި ގުޅިގެން އާއިލާއިން ވަނީ އިންޑިއާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓަށް އަންގާފައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ނަމަވެސް މިކަމާއި ބެހޭ އެއްވެސް މަޢުލޫމާތެއް އިންޑިއާގެ އިމިގްރޭޝަނުން ވެސް އަދި ރާއްޖޭގެ ކަމާބެހޭ އެއްވެސް އިދާރާއަކުން ވެސް ހާމަކޮށްފައެއް ނުވެއެވެ.