ސ. ހުޅުމީދޫ އަލަށް ޖެހުމަށް ހަމަޖެހިފައިވާ މަގު ބައްތި ޖެހުމާ ގުޅޭ ގޮތުން ހުޅުމީދޫ ކައުންސިލަރު އަދި ޑެޕިއުޓީ މޭޔަރު ހުޅުމީދޫގެ ބައެއް ފަރާތްތަކާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި ހުޅުދު އާއި މީދޫގެ ބޮޑު މަގުގައި ބައްތި ޖެހުމާ ބެހޭ ގޮތުން ރަށުގެ މީހުންގެ ޚިޔާލު ވަރަށް ތަފާތެވެ. ހުޅުދޫ މީހުން ބޭނުން ވަނީ މަގުގެ ދެ ފަރާތުގައި ބައްތި ޖެހުމަށް ކަމަށް ވިޔަސް މީދޫ މީހުން ބޭނުން ވަނީ މިހާރު ވެސް ބައްތިތައް ޖަހާފައި ހުރި ގޮތަށް މަގުގެ މެދުގައި ބައްތި ޖެހުމަށެވެ.
"މަގުގެ ދެ ފަރާތުގައި ޕޭމަންޓް ހެދުމަށް ފަހު މަގުގެ މެދުގައި ބައްތި ޖެހުމުން މަގު ހަނިވެ ދުއްވާތަކެތި ދުއްވުމަށާއި ޕާކް ކުރުމަށް ދަތިވާނެ." ބައްދަލުވުމުގައި ބައިވެރިވި ހުޅުދޫ ޒުވާނަކު ބުންޏެވެ.
އެހެން ނަމަވެސް ބައްދަލުވުމުގައި ބައިވެރިވި މީދޫ މީހުން ބުނަމުން ގޮސްފައި ވަނީ ދެ ފަރާތުގައި ޕޭމެންޓް ހެދުމަށް ފަހު މަގުގެ މެދުގައި ބައްތި ޖެހިކަމުގައި ވިޔަސް ދުއްވާ ތަކެއްޗަށާއި ޕާކް ކުރުމަށް ދަތި ނުވާނެ ކަމަށެވެ.
އެހެންވެ މިހާރު ވެސް މަގުގެ މެދުގައި ބައްތިތައް ޖަހާފައި ހުރި ގޮތަށް ބައްތި ޖެހުމުން ދުއްވާ ތަކެތީގެ ސަބަބުން ދިމާވާ އެކްސިޑެންޓްތައް މަދުވެ މާ ރީތިވެފައި މަގަށް މާ ރީތިކޮށް އަލިވާނެ ކަމަށް އެ މީހުން ބުންޏެވެ.
މި ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ ހުޅުދޫގައި ބައްތި ޖަހާނީ ހުޅުދޫ މީހުން ބޭނުންވާ ގޮތަށް ކަމަށާއި މީދޫގައި ބައްތި ޖަހާނީ މީދޫ މީހުން ބޭނުންވާ ގޮތަށް ކަމަށެވެ.
މީދޫ އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ޝާހިދު އިތުރަށް ވިދާޅުވީ ހުޅުމީދޫ މަގު ބައްތިތައް ނުޖެހި ލަސްވެފައިވަނީ ސަދަން ޔުޓްލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އިން އެކަން ކުރުމަށް އެއްބާރުލުން ނުދީގެން ކަމަށެވެ.
"ސާކް ސަމީޓާ ދިމާކޮށް އައްޑޫ ސިޓީގެ ރަށަށްރަށުގެ މަގުމަތީގައި ޖަހަން ގެނެސްފައިވާ ބައްތިތަކާއި ބައްތި ދަނޑިތަކަކީ ޗައިނާއިން އަޅުގަޑުމެން ގެނެސްފައިވާ ތަކެތި. އެހެން ނަމަވެސް އެ ތަކެތި އެމީހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން އެކަން ކޮށް ދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް އަދި މިހާތަނަށް އެ މީހުން ވަނީ އެކަމަށް އެއްބާރުލުން ނުދީފައި،" ޝާހިދު ވިދާޅުވި އެވެ. "އަދި ބައްތި ޖެހުމަށް ހިނގާނެ ޚަރަދުގެ އެސްޓިމޭޓެއް ފޮނުވަން އެދުމުން އެ މީހުން ފޮނުވި އެސްޓިމޭޓަށް ބަލާ އިރު ބައްތިއެއް ޖެހުމަށް 9،000ރ. ޚަރަދު އެބަ ހިނގާ. އެހެންވެ އެ އަގަކަށް އެކަން ކުރެވެން ނެތުމުން އަހަރެމެން މިހާރު ގަސްތު ކުރަނީ އާއްމުކޮށް އިއުލާންކޮށްގެން ބައްތި ޖަހައި ދޭނެ ފަރާތެއް ހޯދަން."
ހުޅުމީދޫގައި ތާރު އަޅައިގެން ހަތް ކިލޯ މީޓަރުގެ މަގު ހެދުމަށް ރައީސް ޑރ. މުހައްމަދު ވަހީދު މިދިޔަ ހަފުތާގެ ބުދަ ދުވަހު ވަނީ މަގު ހެދުމުގެ މަޝްރޫއު އިފުތިތާހު ވެސް ކޮށްދީފަ އެވެ.