އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހުމަދު ޝަރީފް ރާއްޖެ ދޫކޮށް ފިއްލަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ދެކެވޭ ވާހަކަ ޝަރީފް، ރޭ ދޮގުކުރައްވައިފިއެވެ.
ޓުވިޓާ މެދުވެރިކޮށް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ ހުންނެވީ މާލޭގައި ކަމަށާއި އެހެންތަނަކަށް ދާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޝަރީފް ވިދާޅުވީ އޭނާ ރާއްޖެ ދޫކޮށް ފިލާފައިވާ ކަމަށް އަޑު ފަތުރަމުންދާ ކަމަށާއި، އެވާހަކަ ދެއްކެވި ފަރާތަށް މެސެޖެއް ކުރައްވައި، މާލޭގައި ހުރިކަން އަންގަވާފައިވާނެ ކަމަށެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބަލިވިތާ ހަފްތާއެއް ވި ފަހުން އެމަނިކުފާނާއި ޕީޕީއެމް ސަޕޯޓަރުން ވަނީ އިންތިޚާބުގެ ނަތީޖާއާ މެދު ސުވާލު އުފައްދަމުންނެވެ.
އަދި އޭގެ ފަހުން ޕީޕީއެމުން ބާއްވާ މުޒާހަރާތަކުގައި ޝަރީފަށް ވަގަށް ގޮވުމާއި އީސީގެ މެމްބަރުންނަށް ފުރައްސާރަ ކުރުން އާންމުވެފައިވެއެވެ.