Last Updated: June 10, 00:02
Tuesday, June 9, 2026
ކުޅިވަރު

ސްވިޒަލެންޑު އަތުން ބެލްޖިއަމްއަށް ހަނިމޮޅެއް

ރޭގެ މެޗުގައި ލުކާކޫ ގޯލު ޖެހުަމަށްފަހު. މާބޮޑު އުފާ ފާޅުކުުރުމެއް ފެނިގެން ގޮސްފައެއް ނުވޭ: ފޮޓޯ - ގެޓީ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ބެލްޖިއަމް އަދި ސުވިޒަލޭންޑް ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއިން ބެލްޖިއަމް ކާމިޔާބުކޮށްފިއެވެ.

މެންޗެސްޓާ ޔުނައީޓެޑު ފޯވާޑް، ރޮމެލޫ ލުކާކޫގެ ދެ ގޯލުން ބެލްޖިއަމް މޮޅުވި މިމެޗުގައި އެޓީމުގެ ފަރާތުން އާންމުކޮށް ފެންނަ މޮޅު ކުޅުން ފެނިފައެއް ނުވެއެވެ.

ވޯލްޑް ކަޕްގެ ތިންވަނަ މަގާމު ހޯދި ރޮބާޓޯ މާޓީނެޒްގެ ޓީމުން ރޭގެ މެޗުގައި ލީޑު ނެގީ ދެވަނަ ހާފުގައެވެ. 58 ވަނަ މިނެޓުގައި ލުކާކޫ ލީޑު ނާގައިވަނިކޮށް 76 ވަނަ މިނެޓުގައި ގަވްރަނޮވިޗް ވަނީ ސްވިޒަލޭންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ނަމަވެސް ބެލްޖިއަމުން ތިން ޕޮއިންޓު ކަށަވަރު ކުރީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އަނެއްކާވެސް ލުކާކޫގެ ގޯލަކުންނެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ލުކާކޫގެ ފަރާތުން އެދެވޭ ކުޅުމެއް، މިފާއިތުވެގެން ދިޔަ ދެފަހްތާގައި ވެސް ނުދެއްކޭއިރު އޭނާގެ ގައުމީ ފޯމަށް ބަދަލެއް އައިސްފައިނުވާކަން ރޭގެ މެޗުން ވެސް ވަނީ ސާބިތުކޮށްދީފައެވެ.

ބެލްޖިއަމްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ ލުކާކޫ ވަނީ ބެލްޖިއަމް ޖާޒީގައި އެންމެ ފަހަކަށް ކުޅުނު 28 މެޗުން 27 ގޯލު ޖަހާފައެވެ.