Last Updated: June 11, 19:13
Thursday, June 11, 2026
ރިޕޯޓް

މެޑަމް އައިޝާއަށް ފާޑުކިޔާންޖެހޭ ސަބަބެއް އެބައޮތްބާވައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަބަލުން އާއިޝަތު ނަހުލާ ސިޔާސީ ދާއިރާއަށް ނިކުންނެވުމުން ކޮންމެވެސް ބަޔަކު ފާޑުކިޔަމުންދާތީ އެބަފެނެއެވެ. އަޚުލާގީގޮތުންނާއި އެނޫންވެސް ގޮތްގޮތުން ގިރާކުރަންނުޖެހޭ އިންތައް ގިރާކޮށް ވަރަށް ހުތުރުކޮށްވެސް ވާހަކަތަކެއް އުފައްދައި ފަތުރަމުންދާތީ އެބަފެނެއެވެ. ހިތަށްއަރައެވެ. މިވަރަކުން މޭކަރައިގެން މިއުޅެނީ ކީއްވެގެންބާވައެވެ. ގައުމާއި ރައްޔިތުންގެ ހައްގުގައި ދެއްކޭނެ އެހެންވާހަކައެއް ނެތީބާވައެވެ.

ފޯރާ ތަނަވަސް މީހެއްގެ ކައިރީގައި މާރީތި އަތްނބަކު އިންނަކަމަށް ވަނީވިއްޔާ އެމީހަކާބެހޭ ގޮތުން ޒާތްޒާތުގެ ވާހަކަ ދައްކައި ފޮށިއުޅުމަކީ ދުނިޔޭގައި އާކަމެއް ނޫނެވެ. އެއީ ވަރަށް ބާކަމެކެވެ. އެއުސޫލުން ވިސްނާފައި އައިޝަތު ނަހުލާއާ ބެހޭގޮތުން ބަޔަކު މީހުން ދައްކާ ވާހަކަތައް ހިރަފުހުގެ ތެރެއަށް ދޫކޮށްލެވިދާނެއެވެ. އެކަމަކު އެހެން ހަދައިގެން ފަރުޖެެއްސޭކަށް ނެތެވެ. ޒާތީ ކަމަކަށްވުރެ މިކަންތައް ގައުމުގެ މަސްލަހަތާ އެބަގުޅެއެވެ. އެހެންވީމާ އެފަދަ ވިޔާނުދާ ގޮތްކުޑަ ވާހަކަތަކަށް ކޮންމެވެސް ބަޔަކު ރައްދުދީ އެކަން ހުއްޓުވުމަށް ބާރުއަޅަން އެބަޖެހެއެވެ. ހުއްޖަތާއި ދަލީލު ދައްކައިގެންނެވެ.

ބަޔަކުމީހުން މޭކަރަނީ އަދި ކަންބޮޑުވަނީ އައިޝަތު ނަހުލާ މަގާމަކަށް ވަޑައިގެންފާނެތީ ކަމަށްވަންޏާ މަގާމެއް ބޭނުންކަމަށް ނުވަތަ އަމާޒަކީ ކޮންމެވެސް މަގާމެކޭ ނަހުލާ ވިދާޅުވިބާވައެވެ. ނޫނެކެވެ. އެހެން ވިދާޅެއް ނުވެއެވެ. ހަމައެކަނި ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެމިހުންނެވުމަށް ޝައުގުވެރިވާ ވާހަކައެވެ. މަގާމެއްގެ ސަބަބުން އަންނަ މުސާރަޔަކާއި ކާރެއްގެ ޝައުގުވެރިކަން ނަހުލާގެ ކިބައިގައި ނުހުންނާނެކަމީ މާބޮޑު ވިސްނުންތަކަކާނުލައިވެސް އެނގެން އޮތް ކަމެކެވެ. މިހާރުވެސް އެހުންނެވީ ތަނަވަސްކަންމަތީގައެވެ. މުވައްޒަފުންނާއެކީގައެވެ. އެރޮގުން ބޭނުންވެދާނެ އިތުރު އެއްޗެއް ނެތެވެ.

މީހެއްގެ ގާބިލުކަން ހުރިނެތްގޮތް މިނެކިރާ ތިލަފަތަކީ އެމީހަކު ކޮށްފައިހުންނަ މަސައްކަތްތަކާއި އެމަސައްކަތެއްގެ ނަތީޖާއެވެ. ސިޔާސީ ދާއިރާއަށް ނިކުންނެވުމަށްފަހު ނަހުލާ ކުރެއްވި މަސައްކަތެއްވިއްޔާ އެހެރީ ފެންނާށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ރާއްޖޭގައި ވަޑައިގެންނެތް ވަގުތުގައި ޕާޓީގެ އެއްބައިވަންތަކަން ހިފެހެއްޓެވުމުގެ މައިގަޑު ބާރަކީ ނަހުލާއެވެ. ނިމިގެންދިޔަ ރިޔާސީ ކެމްޕޭނުގަައި ވަރުބަލިކަމެއްނެތި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އަންހެންބޭފުޅަކީ ނަހުލާއެވެ. ލީޑަރަކު ފެންނާންނެތް ވަގުތުގައި ލީޑަރެއްގެ ރޯލް އަދާކުރައްވައި ކެމްޕޭނުގައި ޖޭޕީގެ ބައިވެރިވުން އެންމެ ބޮޑަށް ދެއްކެވީ ނަހުލާއެވެ. ކޯލިޝަނުގެ ތެރޭގައި ސާބިތުވެ ދެމިއޮތުމަށް ޖޭޕީއަށް ލިބިގެންދިޔަ އެންމެބޮޑު ބާރަކީވެސް ހަމަ ނަހުލާއެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.

އަންހެނަކު އަދާކުރަންޖެހޭ ހަމައެކަނި މަގާމަކީ ކުދިންބަލަން ގޭގައި އިނުންކަމަށް ގަބޫލުކުރާ ބަޔަކު ތިބިކަމަށް ވަނީވިއްޔާ އެބަޔަކު އެތިބީ އެހެން ޒަމާނެއްގައެވެ. އެހެން ދުނިޔެއެއްގައެވެ. ބުރުސޫރަ ރީތި އަންހެނުންނަކީ ތަނަވަސް ފޯރާ މީހުންގެ ގޭގޭގެ ޒީނަތްތެރިކަން ފުރިހަމަކުރާ މުދަލެކޭ ހީކުރާނަމަ އެބަޔަކަށް ލިބިފައިވާ ތައުލީމަކާމެދު ސުވާލު އުފެދޭނެއެވެ. ކުއްޖަކު ވިހައިފިއްޔާ އެކުއްޖަކީ އޭޓީއެމެއްކަމަށް ހީކުރާ ބަޔަކު ތިބިކަމަށް ވަނީވިއްޔާ އެބައެއްގެ ސިކުނޑި ރަގަޅުތޯ ޓެސްޓެއް ހަދައިލުން ހުއްޓެވެ. މިއީ ކޮންމެ މީހަކަށްވެސް ލިބިފައިވާ ގާބިލްކަމެއްގެ ކުޑަބޮޑުމިނުން އެމީހަކަށް ފުރުސަތު އޮންނާންޖެހޭ ކަމަށް ގަބޫލުކުރުމުގެ ޒަމާނެވެ. ފުރުސަތު ލިބުމުގައި އަންހެނެއް ފިރިހެނެއް ތަފާތުކުރާން ނުޖެހޭކަމަށް ގަބޫލުކުރުމުގެ ޒަމާނެވެ. ބަޔަކަށް ފުރުސަތެއް ނުދީ އެކަހެރިކުރާނަމަ އެބަޔަކަށްވާން ޖެހެނީ ޖިންސުގެ ތަފާތުކަމަށް ވަކާލާތުކުރާ މީހުންނެވެ. އަންހެނަކަށްވީތީ ފުރައްސާރަކޮށް ހޯއްގޮވުން އުފަލަކަށްހަދާ މީހުންނެވެ.

މެލޭޝިއާގެ އަންވަރު އިބްރާހީމް ޖަލަށްލައި ސަރުކާރުން އަނިޔާވެރިކަން ކުރިއަށް ނެރެންފެށީމާ ރައްޔިތުންނާއި ދުސްތޫރުގެ ހިމާޔަތުގައި އަންވަރުގެ އަނބިކަބަލުން އަޒީޒާ ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގަތީ ކައިވެނީގެ ސެޓްފިކެޓެއްގެ ބާރުގައި އެކަނިބާވައެވެ. ނޫނެކެވެ. ޕާޓީން އެކަމަށް އެދުނީމައެވެ. އަންވަރުގެ ސަޕޯޓަރުންގެ ނިންމުމަކީ އެއީކަމަށް ވުމުންނެވެ. އެސްޑަބްލިޔުއާރްޑީ ބަންޑާރަނައިކަ އަވަހާރަކޮށްލުމުން ސިލޯނަށް ކުރިމަތިވި ބިރުވެރިކަމުން ގައުމު ސަލާމަތްކޮށްދިނުމަށް އޭނާގެ އަނބިކަބަލުން ސްރީމާވޯ ބަންޑާރަނައިކަ ތެދުވެވަޑައިގެންނެވީ އެކަމަނާއަށް ލިބިވަޑައިގެންފައިވާ ތިންބޭފުޅުންނަކީ އޭޓީއެމްތަކަކަށް ވެގެން އޭގެ ބާރުގައި ބާވައެވެ. ނޫނެކެވެ. އެދަނޑިވަޅުގައި އެފަދަ މަސައްކަތަކަށް އެންމެ އެކަށޭނަ ގާބިލް ބޭފުޅަކީ ސްރީމާވޯކަމަށް ޕާޓީގެ ގިނަ ބަޔަކަށް ފެނިގެންނެވެ. އެކަމަށް އެމީހުން އެދިގެންނެވެ. މިކަހަލަ ކިތަންމެ ކިތަންމެ މިސާލެއް ދުނިޔޭގެ އެކި ކަންކޮޅުތަކުން ނެގިދާނެއެވެ. ދެއްކިދާނެއެވެ.

އައިޝަތު ނަހުލާ ސިޔާސީ ދާއިރާއަށް ނެރެދިނީ ޖުމްހޫރީ ޕާޓީގެ މެންބަރުންނެވެ. އެއީ އެމީހުންގެ ނިންމުމެކެވެ. ޖޭޕީގެ ކައުންސިލަށް ނަހުލާ އިންތިޚާބުކުރީ ރިކޯޑު އަދަދަކުން ވޯޓުދީގެންނެވެ. ޖުމްހޫރީ ޕާޓީގެ މެންބަރުން ނަހުލާއަށް އިތުބާރުކުރެއެވެ. ގާބިލްކަމާމެދު ޝައްކެއް ނުކުރެއެވެ. އަދި ސިޔާސީ ދާއިރާއަށް ނިކުމަވަޑައިގަތުމަށްފަހު މިހާތަނަށް ނަހުލާ ކުރެއްވި ކަމަކުންވެސް އަދި ވިދާޅުވި އެއްޗަކުންވެސް އެމީހުން ދެރަވެ ހިތާމަކުރަން ޖެހިފައެއް ނެތެވެ. އެހެންވީމާ މާދުރުގައި ތިބި އެހެންބަޔަކު ނަހުލާއަށް ފާޑުކިޔައި ޒާތްޒާތަށް ފޮށެން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ސަބަބެއް އޮތިއްޔާ އެސަބަބަކީ ހަސަދަވެރިކަމެވެ. އާނއެކެވެ. މުތުލަގަށް ހަސަދަވެރިކަމެވެ. ހަސަދަވެރިކަމަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ބިނާކުރަނިވި ސިފައެއް ނޫނެވެ. އެއީ ފަނާކުރަނިވި ސިފައެކެވެ. ގައުމު އާރާސްތުކޮށް ގުޅުންތައް ބަދަހިކޮށް ރައްޔިތުން އެއްބައިވަންތަކުރުމުގެ މަސައްކަތް ކުރަންޖެހިފައިވާ ދަނޑިވަޅެއްގައި މިޒާތުގެ ފަނާކުރަނިވި ސިފަތަކަށް އެއްވެސް ގޮތަކުން ޖާގަދެވިގެން ނުވާނެއެވެ.