ބައިނަލް އަގްވާމީ ގައުމުތަކުން ރާއްޖެއާއި މެދު ފިޔަވަޅު އަޅައިފިނަމަ އެކަމުގެ ގެއްލުން ކުރާނީ ދިވެހި ރައްޔިތުންނަށްކަމަށާއި، ގޮތް ދޫކުރައްވައި ފަހަތަށް ޖެހިވަޑައިގަތުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސް ޔާމީނަށް ގޮވާލައްވައިފިއެވެ.
ރިޔާސީ އިންތިހާބް ބާޠިލް ކޮށްދެއްވުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުން މާދަމާއަށް ތާވަލް ކުރުމާއި ގުޅިގެން އެމެރިކާއިން ވަނީ ރައީސް ޔާމީނަށް ރައްޔިތުންގެ ނިންމެވުން ގަބޫލް ކުރެއްވުމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. އަދި ރައްޔިތުންގެ ނިންމުން ބޮލާލައި ޖަހައިފިނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވަނީ ދީފައެވެ. މިއީ އެމެރިކާއިން ރާއްޖެއަށް އިންޒާރުދިން ދެވަނަ ފަހަރެވެ.
އިންތިހާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މެދުވެރިކޮށް އިބޫ ވިދާޅުވީ ބައިނަލް އަގްވާމީ ގައުމުތަކުން ރާއްޖެ އާއި މެދު ފިޔަވަޅު އަޅާނެކަމަށް ބުނުމަކީ އާދައިގެ ކަމެއް ނޫންކަމަށާއި އެކަމާއި ސީރިއަސްކޮށް ވިސްނަވަން ޖެހޭކަމަށެވެ.
"އާންމު ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާނެ، އެހެން ކަމުން ރައީސްކަމުގައި ހުންނަވައި މިކަންކަމާ ދޭތެރޭގައި ވިސްނާ ވަޑައިނުގަން އެކުރައްވަން އުޅުއްވާ ކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް އަންނާނެ ދަތިތަކަށް، އެއްވެސް ގޮތަކަށް ނަޒަރެއް ހިންގާނުލާ ގޮތްދޫނުކޮށް އެގޮތަށް ނޫޅުއްވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވާ،"
ރާއްޖެއަށް އެެތެރެ ކުރާ ހަނޑޫ، ހަކުރު، ފުށް އަދި ތެލަކީ ރާއްޖެއިން ބޭރުން އެތެރެ ކުރާ ތަކެތި ކަމަށްވެފައި މިފަދަ ދަތިކުރުމުގެ ފިޔަވަޅެއްގެ ސަބަބުން އިޔާދަ ނުކުރެވޭނެ ވަރުގެ ގެއްލުންތަކެއް ރައްޔިތުންނަށް ލިބިގެން ހިނގައިދާނެކަމަށެވެ.
މާރިޔާ ވިދާޅުވީ ކޮރެއާ، ބަރުމާ، ޒިމްބާބުވޭ އާއި ވެނެޒުއޭލާ ފަދަ ގައުމުތަކުގެ ރައްޔިތުން މިއަދުވެސް އުޅެމުންދަނީ ވަރަށް ދަތި ހާލުގައިކަމަށެވެ.
ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް ހުށަހެޅި ހުށަހެޅުން ބައިނަލް އަގްވާމީ ގައުމުތަކުން ބަލައި ނުގަންނަ ކަމަށް މާރިޔާ ވިދާޅުވިއެވެ.