Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޕީޕީއެމް އެކްޓިވިސްޓުންތަކެއް ޖަލަށްލާން ރައީސް ޔާމީން ތައްޔާރުވެއްޖެ: މަހުލޫފް

ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް - ފޮޓޯ: ރާއްޖެއެމްވީ

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް ޖަލަށްލުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ތައްޔާރުވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މަހުލޫފް ވިދާޅުވެފައި ވަނީ ވޯޓު އޮޅުވާލަން މަސައްކަތްކުރި ކަމަށް އަމިއްލައަށް އިއުތިރާފް ވެގެން ޕީޕީއެމް އެކްޓިވިސްޓުންތަކެއް ޖަލަށް ފޮނުވާލަން ރައީސް ޔާމީން ތައްޔާރުވެއްޖެ ކަމަށެވެ.

އަދި ސުޕްރީމް ކޯޓުގައި އިންތިޚާބުގެ މައްސަލަ ކުރިއަށްދާއިރު، ވޯޓު އޮޅުވާލެވޭތޯ ޕީޕީއެމް އިން ކުރި ކަންތައްތައް ރައްޔިތުންނަށް ހާމަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.

މިފަދައިން ވިދާޅުވެ މަހުލޫފް ޓްވީޓްކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ކުރެއްވި ޓްވީޓަކަށް ޖަވާބުދެއްވަމުންނެވެ.

ސިނާން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ޕީޕީއެމް އިން ވޯޓު އޮޅުވާލުމަށް ގެނައި އަނގޮޓިތައް ޕީޕީއެމްގެ އިސް އެކްޓިވިސްޓުންގެ އަތުގައި މިހާރުވެސް އެބަހުރި ކަމަށެވެ.

"ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ކޯލިޝަނާއި ދެކޮޅަށް ދޮގު ހެކި ދިނުމަށް މި އެކްޓިވިސްޓުންނަށް ދަނީ މަޖުބޫރު ކުރަމުން"، ސިނާން ވިދާޅުވި އެވެ.

އަދި ދޮގު ހެކި ނުދޭ މީހުންނަށް ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު ދެމުންދާ ކަމަށްވެސް ސިނާން ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލި ކަމަށް ބުނެ އެ އިންތިޚާބު ބާތިލްކުރުމަށް، ނާކާމިޔާބުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައެވެ. އެ މައްސަލައިގެ ޝަރީޢަތް ވަނީ މާދަމާ އަށް ސުޕްރީމް ކޯޓްގައި ތާވަލްކޮށްފަ އެވެ.