Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އިންތިޚާބު ބާތިލްކުރަން ކަޅު ފައިސާ ހުށަހަޅަމުން އެބަދޭ: އަބުޅޯ

ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބާތިލްކުރުމަށް ދޮގު ހެކި އުފެއްދުމަށް ކަޅު ފައިސާ ހުށަހަޅަމުންގެންދާ ކަމަށް ގޮޑި ގެއްލިފައިވާކަމަށް އިލެކްޝަން ކަމިޝަނުން ކަނޑައަޅާފައިވާ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ތުހުމަތުކުރައްވައިފި އެވެ.

އަބުޅޯ މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އަބުޅޯ ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބާއި ބެހޭ ގޮތުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލާގައި ހެކި އުފެއްދުމަށް ބޮޑެތި އަދަދުތަކުން ކަޅު ފައިސާ ވަރަށް ގިނަ ފަރާތްތަކަށް ހުށަހަޅަމުން ގެންދާ ކަމަށެވެ.

"ކަޅު ފައިސާއިން ޔާމީން އަބްދުލް ޤައްޔޫމް އަށް ރައްޔިތުންގެ ނިންމުން ޖަހައި ނުގަނެވޭނެ!!"، އަބުޅޯގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބާތިލްކުރުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެންމެ މުހިންމު ނުކުތާއެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ލިޔެވޭ އަނގޮޓިތަކެއް ބޭނުންކުރި މައްސަލައެވެ. އެކަން ތަޙުޤީޤު ކުރުމަށް ދިފާއީ ބާރުތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާއިރު، އެކަން ސާބިތުކުރުމަށް ސިއްރު ހެކިވެރިންވެސް ހުށަހަޅާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވާފައިވާއިރު، މިއަދު ނިޔަލަށް ލިޔުމުން އެ މައްސަލަ އަށް ޖަވާބުދާރީވާން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.

އަދި އެ މައްސަލައިގެ ޝަރީޢަތް ވަނީ މާދަމާ މެންދުރުފަހު 13:00 އަށް ސުޕްރީމް ކޯޓްގައި ތާވަލްކޮށްފަ އެވެ.

މީގެ އިތުރުން މި މައްސަލައިގެ ތެރެއަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންގެ އިތުރުން ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ތަދައްޚުލްވުމަށް ވަނީ ހުށަހަޅާފައެވެ.

ނަމަވެސް، މައްސަލައިގެ ތެރެއަށް ހަތަރު ލީޑަރުންނަށް ވަދޭވެކަމެއް ނުވަތަ ނޫންކަމެއް ސްޕްރީމް ކޯޓުން އަދި ނިންމާފައި ނުވެއެވެ.

ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް ރައީސް ޔާމީން ހުށެހެޅުއްވީ ޕާޓީގެ ސަޕޯޓަރުންގެ ޝަކުވާތަކާއި ގުޅިގެންކަމަށްވަނީ ބުނެފައެވެ.