Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މާރާމާރީތައް ހުއްޓުވުމަށް މީހުން ފާސްކުރަން ފަށައިފި

މާރާމާރީތައް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފުލުހަކު މީހަކު ބަލައި ފާސްކުރަނީ - ފޮޓޯ: ޓްވިޓާ (ހަމްދޫން ރަޝީދު)

ރާއްޖޭގައި މިފަހަކަށް އައިސް މާރާމާރީތައް ހިންގާ މިންވަރު އިތުރުވުމާއި ގުޅިގެން، އެކަމަށް ހައްލެއް ގެނައުމަށްޓަކައި މީހުން ބަލައި ފާސްކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފަށައިފި އެވެ.

އެގޮތުން ފުލުހުންނާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި ޒުވާނުން އާއްމުކޮށް އެއްވެ އުޅޭ ތަންތަން ބަލައި، ގުރޫޕު ހަދައިގެން އުޅޭ ނަމަ އެކަން ހުއްޓުވައި އެ މީހުން ފާސްކުރަމުން ފުލުހުން އަންނަ ކަމަށެވެ.

މީގެ އިތުރުން މާރާމާރީ ހިންގަން އުޅޭ ކަމަށް ތުހުމަތު ކުރެވޭ މީހުން ވެސް ބަލައި ފާސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީ މަރަދޫ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ އިރު އޭނާއަށް އަދިވެސް ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލު އަދިވެސް ސީރިއަސްްއެވެ. އެމާރާމާރީއަށް ފަހު ހޯމަ ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ އިރު އޭނާއަށްވެސް ވަނީ ސީރިއަސް އަނިޔާތަކެއްވެފައެވެ.

އޭގެ ފަހުން ބުދަ ދުވަހު މެންދުރު މާރާމާރީ ހިންގައި 26 އަހަރުގެ ޒުވާނަކު ޒަހަމްކޮށްފައިވަނިކޮށް ބުދަ ދުވަހުގެ ރޭ ދަންވަރު ވަނީ ފޭދޫ ހީނާމާގެ އުމުރުން 14 އަހަރުގެ ޝައްފާނު އިސްމާއިލް މަރާލާފައެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ސްޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އައްޑޫ އާއި މާލޭގައި ހިންގާފައިވާ މާރާމާރީ އާއި ގުޅިގެން 32 މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވާ ކަމަށެވެ.

އަދި މާރާމާރީ ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ވަޅި ތަކަކާއި އެކު ބުދަ ދުވަހުގެ ރޭ ވެސް 5 މީހަކު ހައްޔަރު ކުރިކަމަށާއި، ޝައްފާނު މަރާލާފައިވަނީވެސް ފުލުހުން މާލެ ތެރެ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން ދަނިކޮށްކަމަށް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ސިލްސިލާ ގޮތެއްގައި ހިންގަމުންދާ މާރާމާރީއަކީ ސިޔާސީ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާކަމަށެވެ.