Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އެމެރިކާ، ޔޫއެން، އީޔޫ، ޗައިނާ އަދި ސައުދީ ވެސް އޮތީ އިބޫގެ ސަރުކާރާއެކު: މުސްތަފާ

އެމެރިކާ އާއި އދ. ގެ އިތުރުން ވިލާތުގެ އިއްތިހާދު (އީޔޫ) އާއި ޗައިނާ އަދި ސައުދި އަރަބިއާ ވެސް އޮތީ އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މުސްތަފާ ވިދާޅުވެފައި ވަނީ އެ ހުރިހާ ޤައުމަކާއި ޖަމިއްޔާތައް ވެސް އޮތީ އިބޫގެ ސަރުކާރާއެކު ކަމަށާއި، ރައީސް އަބްދުﷲ ޔާމީން އާއެކު އެކަކުވެސް ނެތް ކަމަށެވެ.

"ރައީސް ޔާމީން އަކީ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާފަ ބަހައްޓާވަރު މީހެއް ނޫން ކަމަށް މުޅި ދުނިޔެ އިއްތިފާޤު ވޭ"، މުސްތަފާގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މުސްތަފާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ހުންނެވީ 'ބޯ ނުބައިވެފައި' ކަމަށެވެ.

"ރައްޔިތުންގެ ޚަރަދުގައި ބޮލަށް ބޭސްކޮށްދެއްވަންވީ! އާސަންދައިން ނަމަވެސް.."، މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ މިހެން ވިދާޅުވިއިރު، ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީޢަތް މާދަމާ މެންދުރުފަހު 13:00 އަށް ވަނީ އެ ކޯޓުގައި ތާވަލްކޮށްފަ އެވެ.