Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

މެޑަމްގެ ހިތާނީ ކޭމްޕާއި ހުޅުމާލެ ޖަގަހައަށް އެޗްޑީސީން ކުރި ހަރަދު 2.5 މިލިއަނުން މަތި!

* ޕީޕީއެމް ހުޅުމާލެ ޖަގަހައިގެ ރިފްރެޝްމަންޓަށް އެޗްޑީސީން ކުރި ހަރަދު 1،156،664 ރުފިޔާ
* ގޮޑި ގަތުމަށް 259،700 ރުފިޔާ
* ހިތާނީ ކޭމްޕަށް ކުރި ހަރަދު ދެ ލައްކައަށް ވުރެ ބޮޑު

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ޞަދަޤާތު ފައުންޑޭޝަނުން ކުޑަކުދިން ޚިތާން ކޮށްދިނުމަށް ބޭއްވި ޚިތާނީ ކޭމްޕަށާއި ހުޅުމާލެ ޕީޕީއެމް ޖަގަހަ ހިންގުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަހަރުގެ މިހާތަނަށް ހަރަދުކޮށްފައިވާ ފައިސާގެ އަދަދު 2.5 މިލިއަނަށް އަރާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 2018 ވަނަ އަހަރު މިހާތަނަށް އެޗްޑީސީން ވަނީ 2،491،733.74 (ދެ މިލިއަން ހަތަރު ލައްކަ ނުވަދިހަ އެއްހާސް ހަތް ސަތޭކަ ތިރީސް ތިން ރުފިޔާ ހަތްދިހަ ހަތަރު ލާރި) ކުންފުނީގެ ގަވާއިދުން ބޭރުން ހަރަދުކޮށްފައެވެ.

އެގޮތުން މިއަހަރު ޖެނުއަރީ މަހު ފާޠިމަތު އިބްރާހިމްގެ ސަދަގާތް ފައުންޑޭޝަނުން ބޭއްވި ހިތާނީ ކޭމްޕަށް ދެ ލައްކައަށް ވުރެ ގިނަ ފައިސާވަނީ ހަރަދުކޮށްފައެވެ. އޭގެ ތެރޭގައި އެކޭމްޕުގެ ރިފްރެޝްމަންޓަށް ކުންފުނިން ފައިސާ ދެއްކި 73،638.76 ލާރި ހިމެނެއެވެ. މި ކޭމްޕުގައި ބޭނުންގައި ބޭނުން ކުރުމަށް ތައްޔާރުކުރި ރައީސް އަބްދުﷲ ޔާމީންގެ ޕޯސްޓަރު ތަކަށް 47،661.84 ލާރި ހަރަދުކޮށްފައިވާކަން ލިޔެ ކިއުންތަކުން އެނގެއެވެ.

މީގެ ކުރިން މި ކޭމްޕްގައި ބޭނުންކުރި އެނދުތައް ތައްޔާރުކޮށްފައިވަނީ އެމްޕީއެލްގެ ވޯކްޝޮޕެއްގައި އެމްޕީއެލްގެ މުވައްޒަފުން ލައްވާކަން ވަނީ ފަޅާއަރާފައެވެ.

އެޗްޑީސީން އިތުރަށް ކޮށްފައިވާ ހަރަދުތަކަށް ބަލާއިރު މިއަހަރު މޭއި މަހުން ފެށިގެން ހުޅުމާލޭގައި ޕީޕީއެމްއިން ހިންގި ޖަގަހައިގެ ރިފްރެޝްމަންޓު ހަރަދުކޮށްފައިވަނީ އެޗްޑީސީގެ ބަޖެޓުންނެވެ. އެގޮތުން ރިޔާސީ އިންތިހާބާއި ހަމައަށް ހުޅުމާލެ ޖަގަހައިގެ ރިޕްރެޝްމަންޓަށް 1،156،664 ރުފިޔާ ހަރަދުކޮށްފައިވާކަން ކުންފުނީގެ ލިޔެކިއންތަކުން ފެންނަން އެބަ ހުއްޓެވެ.

މީގެ އިތުރުން ކެމްޕެއިނަށް ހުޅުމާލޭގައި ޖަހާފައިވާ ރައީސް ޔާމީންގެ ޕޯސްޓަރުތަކަށް 655،285.76 ލާރި ހަރަދުކޮށްފައިވެއެވެ. އަދި ޖަގަހައަށް ގޮޑި ގަތުމަށް 259،700 ރުފިޔާ ހަރަދުކޮށްފައިވާ އިރު ހުޅުމާލޭގައި ބޭއްވި ވޯޓަރ ސްޕޯޓްސް ހަރަކާތަަކަށް 120،000 ވަނީ ކުންފުނިން ފައިސާ ދައްކާފައެވެ.

އެޗްޑީސީން ވަނީ އެކުންފުނީގެ ބަޖެޓުން ހުޅުމާލެ ޖަގަހަގައި ބޭނުން ކުރުމަށް އެސްއެމްއެސް ޕޯޓަލްއެެއް ގަތުމަށް 79،500 ރުފިޔާ ހޭދަކޮށްފައެވެ. މި ފައިސާތަކާއި އެކު އެހެނިހެން ހަރަދުގެ ޖުމްލަ 2.5 މިލިއަނަށް އަރައެވެ.

އެޗްޑީސީން މިފަދަ ހަރަދެއް ކެމްޕެއިންނަށް ކޮށްފައިވާ އިރު އެކުންފުނީގެ ކޭޝްފްލޯ ދަށް ވުމުގެ ސަބަބުން ހުޅުމާލެ ދެވަނަ ފިޔަވަހިން ހިއްކި ބިމުން ނުއަގުގައި 400 ގޯތި ވިއްކުމަށް މަސައްކަތް ކުރަމުން އަންނަ އިރު ކުންފުނީގެ 167 މުވައްޒަފަކު ވަނީ ބިން ވިއްކުމާއި ދެކޮޅަށް ޕެޓިޝަނެއް ހަދާފައެވެ. ކުންފުނީގެ މުވައްޒަފުން ބުނެފައިވަނީ އެގޮތަށް އެކަން ކޮށްފިނަމަ ކުންފުނި ބަހުރޫޓު ވެދާނެކަމަށެވެ.