Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވަންނަން މިހާރުއްސުރެ ކިއު ހަދައިފި

ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވަންނަން ކިއު ހަދާފައި - ފޮޓޯ: ރާއްޖެ އެމްވީ

ސެޕްޓެމްބަރު މަހުގެ 23 ވީ އާދިއްތަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލި ކަމަށްބުނެ، އިންތިޚާބު ބާތިލްކުރުމަށް ނާކާމިޔާބުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ އަޑުއެހުމަށް ވަންނަން ތިން ގަޑިއިރު ކުރިން އެތައް ބަޔަކު ކިއު ހަދައިފި އެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވާފައިވާއިރު، އިއްޔެގެ ނިޔަލަށް ލިޔުމުން އެ މައްސަލަ އަށް ޖަވާބުދާރީވާން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.

ސުޕްރީމް ކޯޓްގައި މި މައްސަލައިގެ ޝަރީޢަތް ތާވަލްކޮށްފައި ވަނީ މިއަދު މެންދުރުފަހު 13:00 އަށެވެ.

މި އަޑުއެހުމަށް ނަން ނޯޓުކުރަން ފަށާނީ މެންދުރު 12:00ގައި އެވެ. ނަން ނޯޓު ކުރުމުގެ ފުރުސަތު 12:45އަށް އޮންނާނެއެވެ. ނަން ނޯޓު ކުރުމަށްފަހު ސުޕްރީމް ކޯޓުން ނުކުތުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގެ ޖާގަ އޮތް ގޮތުން އެ ކޯޓަށް އަޑުއަހަން ވަދެވޭނީ ގިނަވެގެން 30 ވަރަކަށް މީހުންނަށް ކަމުގައިވިޔަސް، ގިނަ ބަޔަކަށް ވަދެވޭ ޖާގަ ތަނަވަސް ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

"ރާއްޖެއެމްވީ" އިން ރިޕޯޓްކުރާ ގޮތުގައި ޝަރީޢަތަށް ވަންނަން ސުޕްރީމް ކޯޓު ކައިރީގައި ކިއު ހަދާފައި ތިބި މީހުންގެ ތެރޭގައި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ސަޕޯޓަރުންނާއި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުން ވެސް ހިމެނެއެވެ.

ސުޕްރީމް ކޯޓު ކައިރީގައި އެންމެ ފުރަތަމަ ކިއުގައި ޖެހުނު މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހިމެނިވަޑައިގަންނަވާކަން ފާހަގަކޮށްލެވެއެވެ.

ސުޕްރީމް ކޯޓު ސަރަޙައްދުގެ އަމަން ބެލެހެއްޓުމަށް ފުލުހުން އަދި ޙަރަކާތްތެރިވާން ފަށާފައެއް ނުވެއެވެ. އެހެންނަމަވެސް ކޯޓުގެ ތެރޭގައި ދިވެހި އަސްކަރިއްޔާއިން ދަނީ ފޯރިމަރަމުންނެވެ.