Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

"ރައީސް ޔާމީން މި ޒާތަށް ބޮޑާ ހާކާނަމަ މައިތިރިކުރަން ދުނިޔެ އޮތީ ތައްޔާރަށް"

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކު - ފޮޓޯ: ޓްވިޓާ (ޑރ. ޖަމީލް)

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް "ބޮޑާ ހާކާނަމަ މައިތިރިކުރަން ދުނިޔެ އޮތީ ތައްޔާރަށް" ކަމަށް މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ ދާދިދެންމެއަކު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވެފައި ވަނީ ރައްޔިތުންގެ ނިންމުން ބާތިލްކުރެވޭނެ އެއްވެސް ޙުއްޖަތެއް ރައީސް ޔާމީން، ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ނުވާ ކަމަށެވެ.

އަދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބާއްވާފައި ވަނީ އެއްވެސް ޝަކުވާއަކަށް ޖާގައެއް ނެތް ގޮތަށް ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ރައީސް ޔާމީން ބޮޑާ ހާކާނަމަ، އެމަނިކުފާނަށް ދުނިޔެއިން ވަރުގަދަ ފިލާވަޅެއް ދޭނެ ކަމަށެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވިއިރު، ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައެވެ. އެ މައްސަލައިގެ އަޑުއެހުމެއް ވަނީ މިއަދު މެންދުރުފަހު 13:00 އަށް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފަ އެވެ.

ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ ދައްކާގޮތުން އިންތިޚާބު ކާމިޔާބުކުރެއްވީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އެމަނިކުފާނަށް ލިބިވަޑައިގެންނެވީ 134،705 ވޯޓެވެ. އަދި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުމާއެކު، 24 ސެޕްޓެމްބަރު ވަނަ ދުވަހު ރައީސް ޔާމީން ވަނީ ބަލި ޤަބޫލުކުރައްވައި އިންތިޚާބީ ރައީސް، އިބޫ އަށް މަރުޙަބާ ވެސް ދަންނަވާފައެވެ.

އެހެންނަމަވެސް ފަހުން ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ ރައީސް ޔާމީން އާއި ޕީޕީއެމް އިން ގެންދަނީ މަދު ބަޔަކާއެކު ސިލްސިލާގޮތެއްގައި މުޒާހަރާ ކުރަމުންނެވެ.