Last Updated: June 11, 19:13
Thursday, June 11, 2026
ޚަބަރު

ވޯޓު އޮޅުވާނުލި ނަމަ ރައީސް ޔާމީން 65 ޕަސެންޓު ހޯއްދަވާނެ: އަދުރޭ

ނިމިގެން ދިޔަ ރިޔާސީ އިންތިހާބު އޮޅުވާނުލިނަމަ ރައީސް ޔާމީން 65 ޕަސެންޓުން ކާމިޔާބު ހޯއްދަވާނެކަމަށް ޕީޕީއެމްގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

"އޮޅުވާލި ވޯޓު" ނަމުގައި ޕީޕީއެމް ރޭ ބޭއްވި މުޒާހަރާގައި އަދުރޭ ވިދާޅުވީ އިންތިހާބު ސައްހަކަމާއެކުގައި ކުރިޔަށް ދިޔަ ނަމަ އެމަނިކުފާނަށް 65 ޕަސަންޓު ލިބޭނެކަމަށެވެ.

ރައްޔިތުން ތިއްބެވީ އެމަނިކުފާންގެ ތަރައްޤީ ގަބޫލް ކުރައްވައިގެން ކަމަށާއި ރައީސް ޔާމީން ވަނީ އޮޅުވާލާފައިވާ އިންތިހާބަކުން 96،000 ވޯޓު ސަލާމަތް ކުރައްވާފައި ކަމަށެވެ.

"އެމަނިކުފާނު މިއަދު ވެސް ހުންނެވީ ދިވެހި ރައްޔިތުންގެ ހައްގުގައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއް ކުރައްވަން ވަރަށް ކެރިވަޑައިގެން ސާބިތުކަމާ އެކީގައި. އަޅުގަނޑުމެން މިތިބީ އެމަނިކުފާނު ކުރައްވާ މަސައްކަތުގައި ފުކެއް ވެސް ދުލެއް ނުދީ ކުރިއަށް ދާން ތައްޔާރަށް. ޕީޕީއެމަކީ އަބަދުވެސް މި ގައުމުގެ މިނިވަންކަން ދިފާއު ކުރާނެ ޕާޓީއެއް"

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުން ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 42 ޕަސެންޓެވެ. އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ 134،705 ވޯޓު ހޯއްދަވާފައެވެ.