Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ރައްޔިތުންގެ ނިންމުން ފޭރިގަންނަން ފުރުސަތެއް ނުދޭނަން: މަހުލޫފް

އަހުމަދު މަހްލޫފު، ފޮޓޯ: އަވަސް

ދިވެހި ރައްޔިތުންގެ ނިންމުން ފޭރިގަންނާނެ ފުރުސަތެއް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަށް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މަހުލޫފް އިތުރަށް ވިދާޅުވެފައި ވަނީ ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށެވެ.

"ރައްޔިތުން ތިބި ގޮތް އަދި ދުނިޔެ އޮތް ގޮތް ސުޕްރީމް ކޯޓު، ފުލުހުން އަދި ސިފައިންނަށް ވެސް ވަރަށް ސާފު"، މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފްގެ މި ޓްވީޓް އިޝާރާތްކުރައްވާފައި ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބު ބާތިލްކުރުމަށްޓަކައި ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައަށެވެ.

އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލާފައިވާއިރު، ދެވަނަ އަޑުއެހުމެއް ވަނީ މާދަމާ ހެނދުނު 10:30 އަށް ސުޕްރީމް ކޯޓްގައި ތާވަލްކޮށްފަ އެވެ.

މިއަދު މެންދުރުފަހު 13:00 އަށް ތާވަލްކުރި އެ މައްސަލައިގެ އަޑުއެހުމަށް ވަންނަން ސުޕްރީމް ކޯޓް ސަރަޙައްދުގައި ގިނަ އަދަދެއްގެ ބަޔަކު ހެނދުނު 10:00 ވީއިރު ވަނީ ކިއު ހަދާފައެވެ. އެ ކިއުގައި އެންމެ ކުރީ ސަފުގައި ތިބި މީހުންގެ ތެރޭގައި މަހުލޫފް ހިމެނިވަޑައިގަންނަވަ އެވެ.