މާލެ ސިޓީގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން އިންތިޚާބީ ރައީސް، އިބޫ ސޯލިހަށް މަރުހަބާ ދެންނެވުމުގެ ގޮތުން ޚާއްސަ ޖާފަތެއް މިރޭ އަރުވައިފިއެވެ.
ރިޔާސީ ކެމްޕޭން ފެއްޓެވުމަށް، އަދި ނިންމެވުމަށް ވެސް ރައީސް އިބޫ އައްޑުއަށް ވަޑައިގެންފައިވާއިރު އެމަނިކުފާނަށް އައްޑޫ އިން ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.
އަދި ޖުމުލަ އާބާދީގެ ނިސްބަތަށް ބަލާއިރު، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި އިބޫއަށް އެންމެ ގިނަ ވޯޓު ލިބިގެން ދިޔައީ ވެސް އައްޑޫ ސިޓީއިންނެވެ. މުޅި އައްޑޫ ސިޓީއިން 67.81 އިންސައްތަ މީހުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ދީފައިވަނީ އިބޫއަށެވެ.
އިބޫ ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އައްޑޫ ސިޓީއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. 2013 ވަނަ އަހަރު ރައީސް ޔާމީންވެސް އައްޑޫ ސިޓީއަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގަތް ނަމަވެސް ގިނަ ވައުދުތައް ނުފުއްދި އެމަނިކުފާނުގެ ވެރިކަން ނިމުމަކާ ގާތަށް އައިސްފައިވި ނަމަވެސް ކެމްޕޭނުގައި ރައީސް ޔާމީން ވަނީ އައްޑޫއަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.