Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

މިހާ އިންސާފުވެރި އިންތިޚާބެއް ބާތިލުކުރެވިދާނެ ކަމަށް ނުދެކެން: ހަބީބް

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ހަބީބް، ކ، ރައީސް ޝަރީފާއެކު:

ސެޕްޓެމްބަރު 23 ގައި ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ފަދަ އިންސާފުވެރި އިންތިޚާބެއް ބާތިލުކުރެވިދާނެ ކަމަށް ބުއްދީގެ ހަމަތަކުން ގަބޫލެއް ނުކުރެވޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

އިންތިޚާބު ބާތިލުކުރުމަށް، ނާކާމިޔާބު ވެވަޑައިގެންނެވި ކެންޑިޑޭޓް، ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައިވާއިރު މިއަދު ހެނދުނު ވަނީ އެމައްސަލައިގެ ދެވަނަ އަޑުއެހުން ފަށާފައެވެ.

އެމައްސަލައާ ގުޅިގެން ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާ އިންސާފުވެރި ކޮށް ބޭއްވި އިންތިޚާބެއް ބާތިލުކުރެވިދާނެ ކަމަށް ބުއްދީގެ ހަމަތަކުން ނުބެލެވޭ ކަމަށެވެ.

އިއްޔެ ރައީސް ޔާމީންްގެ ފަރާތުން މައްސަލަ ހުށައަޅާފައިވާއިރު އީސީއަށް ވަނީ ޖަވާބުދާރީ ވުމަށް ފުރުސަތު އަރުވާފައެވެ. އީސީގެ ވަކީލުން ބުނެފައިވަނީ ދައުލަތުން ހުށައެޅި މައްސަލަ ބެލެވެނީ ހެއްކެއް ނެތި، ވަހުމުތަކަކަށް ބިނާ ކުރެވި ހުށައަޅާފައިވާ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

މިމައްސަލައަށް އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ކޯލިޝަންގެ ހަތަރު ލީޑަރުންވެސް ވަނީ ތަދައްޚުލް ވެފައެވެ. އިންތިޚާބު ބޭއްވުނު ދުވަހާއި ބޭއްވުމުގެ ކުރިންވެސް އީސީން ވަނީ އިންތިޚާބު ވެގެންދާނީ ދެފުށް ފެންނަ އިންތިޚާބަކަށް ކަމަށް ބުނެފައެވެ.

އަދި ރަސްމީ ނަތީޖާ އިއުލާން ކުރިއިރު އިންތިޚާބަށް ބަދަލެއް އައިސްދާނެ ކަމަށް ބެލެވޭ އެއްވެސް މައްސަލައެއް، އާންމު ފަރާތަކުންވެސް، އިންތިޚާބުގެ އޮފިޝަލެއް އަދި މޮނީޓަރުންނާއި އޮބްސާވަރުންގެ އިތުރުން ޕާޓީތައް ތަމްސީލުކުރި އޮފިޝަލަކު ވެސް ހުށައަޅާފައިނުވާ ކަމަށް އީސީން ބުނެފައިވެއެވެ.