Last Updated: May 7, 11:50
Tuesday, May 7, 2024
ރިޕޯޓް

މަގު ހެދުމާއި ސިޓީ ކައުންސިލް

އައްޑޫގައި 17 ވަނަ ސާކް ސަމިޓް ބާއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުން ވީ ބޮޑު ޗެލެންޖަަށެވެ. ސަމިޓް ބާއްވާނެ އިމާރާތެއް ނެތެވެ، އަތޮޅުގައި އޮތީ ތާރު އަޅައި ހެދިފައި އޮތް އެންމެ މަގެކެވެ.

ނަމަވެސް ސަމިޓް ބާއްވާނަމަ މަގު ހަދަންޖެހެއެވެ. ސަމިޓް ބާއްވަން އިމާރާތެއް ބިނާ ކުރަން ޖެހެ އެވެ. އެކަމަށް ނަޝީދު ހުންނެވީ ތައްޔާރުވެގެންނެވެ.

ސަމިޓް އައްޑޫގައި ބާއްވަން ނިންމައި ރައީސް އައްޑޫއަށް ވަޑައިގަތެވެ. މަސައްކަތް ބޮޑު ކަމާއި ބުރަކަން އަމިއްލައަށް އިހްސާސް ކުރެއްވި އެވެ. އެކަމަކު އެއިން ކަމެއް ދޫކޮށްލާކަށް ބޭނުމެއް ނުވި އެވެ.

ސަމިޓްގެ ކަންކަމާއި އެކު އައްޑޫގެ ފެނާއި ނަރުދަމާ، އަދި ހިތަދޫ ބޮޑު މަގުގައި ތާރުއަޅައި ރަނގަޅު ފެންވަރަކަށް ހަދަން ވެސް ނިންމެވި އެވެ. މަގު ހެދުމަށް ހަވާލު ކުރީ އެސްޔޫއެލް އާ އެވެ.

ހިތަދޫ ބޮޑު މަގު ހަދަން އެސްޔޫއެލް އިން ފެށުމާ އެކު ކައުންސިލް ތެދުވުނެވެ. ޝަކުވާއަކަށް ވީ މަގު ހަދާނެ ޕްލޭނެއް ނެތުމާއި މަގުގެ ކަންކަމާއި ކައުންސިލް އާއި މަޝްވަރާ ނުކުރުމެވެ. އެއާއި އެކު ދެން އިވެން ފެށީ ކައުންސިލުން ކަންބޮޑުވާން ފެށި އަޑެވެ.

ހިތަދޫގެ މަގު ހެދޭނީ ހިތަދޫ މީހުންނާއި މަޝްވަރާކޮށްގެން ކަމަށް ބުނެ ކައުންސިލުން ފުލުފުުލުގައި ބަޔާން ނެރެމުން ދިޔައެވެ. ނަމަވެސް ރައްޔިތުންގެ ބަހެއް ހޯދުމަށް ކައުންސިލުން ކުރި މަސައްކަތެއް ނެތެވެ. އަނެއް ކޮޅުން އެސްޔޫއެލް ގެ ބޭފުޅުންނާއި ރައްޔިތުން ބައްދަލުކުރެވޭނެ ގޮތެއް ހޯދައި ދެވުނީކީއެއް ނޫނެވެ.

ދިހަ ފޫޓުގެ ދުވާރަކާ އެކު އެ އޮތީ އެ މަގު ނިންމާފަ އެވެ. މަގަކަށް ދެން އިތުރަށް ކުރާނެ ކަމެއް ނެތެވެ. އެމްޑީޕީ ސަރުކާރުގައި ވެސް ކައުންސިލުން މަސައްކަތް ކުރީ މަގު ހެދިޔަ ނުދޭށެވެ. އޭރު އެންމެ ގިނައިން ދެކެވުނު ވާހަކައަކީ އެސްޔޫއެލްގެ ޗެއާމަން ހިތު ހުރި ގޮތަކަށް ކަންކަން ކުރައްވާ ވާހަކަ އެވެ. އެކަމުގެ ޝަކުވާ ހިފައިގެން ކައުންސިލުން ނަޝީދު ގާތަށް އެތައް ފަހަރަކު ދިޔަ އެވެ.

ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް ކައުންސިލްވީ ފެއިލް އެވެ. އެކަމުގައި އަމިއްލަ އަށް އިސް ނަގައިގެން ކަންކަމުގައި ނިކުތުމުގެ ބަދަލުގައި އޭރުވެސް ކައުންސިލުން ކޮފީ މޭޒުތަކުގައި އާއި އެކި ތަންތާ ދިޔައީ ވާހަކަ ދައްކަމުން އެމަަސައްކަތް ހުއްޓުވުމަށް އާއްމުންނަށް ބާރު އަޅަމުންނެވެ.

އެއީ ނަޝީދުގެ ސަރުކާރުގެ އެންމެ ފޯރިގަދަ ދުވަސްވަރު އެވެ. ވެރިކަން ގެއްލޭނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ދުވަސްވަރު އެވެ. އޭރު ވެސް ކައުންސިލުން ބުނަމުން އައީ އެސްޔޫއެލް އަކީ އައްޑޫގެ ތަރައްޤީއަށް އޮތް ހުރަހެއް ކަމަށެވެ.

ވެރިކަން ނިމުނު ފަހުން ވެސް ހަމަ އެއް ވާހަކައެކެވެ. މިއަދު ރޯޑް ކޯޕަރޭޝަނަކުން ހިތަދޫގެ މަގުތައް ހަދަން އުޅުމުންވެސް ކައުންސިލުން ދާން ބޭނުން ވަނީ ކޯޓަށެވެ. މަސައްކަތް ހުއްޓުވާށެވެ. އެކަން ކޮށްގެން ނުވާނެ ކަމަުގެ އެތައް ބަހަނާއެއް އެބަ ދައްކަ އެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ކައުންސިލަކީ ކީއްކުރާ ތަނެއްތޯ އެވެ. އެތަނުގައި ތިބީ ކީއްކުރަން ރައްޔިތުން ހޮވާފައި ތިބި ބައެއް ތޯ އެވެ. އައްޑޫގެ ތަރައްޤީއަށް ކުރެވޭ މަސައްކަތަށް ކައުންސިލުން އެއްބާރުލުން ދޭން ޖެހެ އެވެ. ގޯސްކޮށް ކަމެއް ކުރެވޭ ނަމަ ކައުންސިލަރުންގެ މަޝްވަރާގެ މަތިން އެކަން ހައްލު ކުރަންވީ އެވެ. ވާހަކަ ދައްކައި، ތަންތަނަށް ގޮސް ބަލައި ކަންކަން ރަނގަޅު ކުރަންވީ އެވެ.

ނަމަވެސް މި ކައުންސިލުން މި ފެންނަނީ މަގު ހަދަންވެއްޖެ ނަމަ ކަންބޮޑުވެ ރުޅިގަދަވާ ތަނެވެ. ނުރުހިގެން ތިބެ ބަޔާން ނެރޭ ތަނެވެ. އެއް ކަމެއް ވެސް ނުކުރެވި ތިއްބައި މިއޮތް ދައުރު ހަމަވަނީ އެވެ.