Last Updated: June 11, 18:35
Thursday, June 11, 2026
ޚަބަރު

ނިއުޕޯޓަށް ދޭން އުޅުނު 15 މިލިއަން ރުފިޔާ އޭސީސީން ހުއްޓުވައިފި

ލޮނުޒިޔާރަތްކޮޅުގައި ނިއުޕޯޓުން ހެދި "ޗާޓައިމް" ސަރުކާރު ބޭނުމަކަށް ހައުސިން މިނިސްޓްރީން ތަޅާލުމާއި ގުޅިގެން އެތަނުގެ ބަދަލުގެ ގޮތުގައި އެކުންފުންޏަށް ހައުސިން މިނިސްޓްރީން ދޭން އުޅުނު 15 މިލިއަން ރުފިޔާ އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އިން ހުއްޓުވައިފިއެވެ.

އޭސީސީން އެފައިސާ ނިއުޕޯޓަށް ނުދީ މަޑުޖެއްސުމަށް އަންގާފައިވަނީ އެފައިސާ އަވަސް އަރުވާލައިގެން އެކުންފުންޏަށް ދޭން މަސައްކަތް ކުރާކަމަށް ބުނެ ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.

ޗާޓައިމް ހިންގި އިމާރާތަކީ ނިއުޕޯޓުވެސް ހިންގާ ސްޓްރާޑާ ކުންފުންޏާއި ހަވާލުކޮށްގެން ހައުސިން މިނިސްޓްރީން ހެދި ތަނެކެވެ. އެތަން އޭރު ހައުސިން މިނިސްޓްރީން ސްޓްރާޑާއަށް ދޫކޮށްފައިވަނީ ސިނަމާލެ ބްރިޖް ބަލާ ޕްލެޓުފޯމެއް ހެދުމަށެވެ. އެގޮތަށް ޕްލެޓުފޯމު ހެދިތާ ދުވަސްކޮޅެއްގެ ތެރޭގައި ޗާޓައިމް ހަދައި ހުޅުވިއެވެ.

ނިއުޕޯޓަށް ފައިސާ ނުދީ މަޑުޖައްސާލުމަށް އޭސީސީން އެންގި އިރު އެކަމާއި ގުޅޭ ލިޔެކިއުން އޭސީސީއަށް ފޮނުވުމަށްވެސް ވަނީ އަންގާފައެވެ.

ނިއުޕޯޓަކީ މިނިވަން 50 ޖާފަތަކަށް ކެއުން ތައްޔާރު ކުރި ކުންފުންޏެވެ. އެކުންފުނިން ކެއުން ތައްޔާރުކޮށްފައިވަނީ ބޮލަކަށް 3000 ރުފިޔާގެ ރޭޓުންނެވެ. އެމައްސަލަ އޭސީސީއަށް ހުށަހަޅައި ތަހްގީގު ކުރުމަށްފަހު ޕީޖީއަށް ފޮނުވިއެވެ. ނަމަވެސް ޕީޖީން ވަނީ ދައުވާ ނުކުރަން ނިންމާފައެވެ.