ހުސްވި ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ބޭއްވުނު ދިވެހި ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލުމަށް ރައީސް އަބްދުﷲ ޔާމީން ކުރެއްވި މަސައްކަތް، ކޯޓުގައި ހުށައަޅަމުންދާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ތުހުމަތުކުރައްވައިފިއެވެ.
ރައީސް ޔާމީންގެ ފަރާތުން އިންތިޚާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައިވާ ދުސްތޫރީ މައްސަލާގައި ވޯޓު އޮޅުވާލުމަށް އީސީގެ ރައީސް، އަހުމަދު ޝަރީފްގެ އަމިއްލަ ޚަރަދުގައި އަނގޮޓިތަކެއް ގެނައި ކަމަށް ބުނެ ސިއްރު ހެކި ހުށައެޅުމަށް ކޯޓުގައި އެދިފައިވެއެވެ.
އެމައްސަލައާ ގުޅިގެން އަމީތް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިންތިޚާބު އޮޅުވާލަން އަމިއްލައަށް ކުރަން ރާވާފައި ހުރި ކަންކަމުގެ ވާހަކަތައް ދައްކައިގެން ރައީސް ޔާމީން ހިންގަވަނީ ޖަރީމާއެއް ކަމަށެވެ.
އަނގޮޓި އަމިއްލައަށް އެތެރެކޮށްފ އޭގެ ފޮޓޯ ނަގައިގެން، ހެކީގެ ގޮތުގައި ހުށައަޅައިގެން، އިންތިޚާބު އޮޅުވާލަން އަމިއްލައަށް ކުރަން ރާވާފައި ހުރި ކަންކަމުގެ ވާހަކަތައް ހެކީގެ ގޮތުގައި ދައްކައިގެން ޔާމީން ހިންގަން އުޅޭ ބޮޑު ޖަރީމާއެއް"
އަނގޮޓިތަކެއް ބޭނުންކޮށްގެން އިންތިޚާބު އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށް ކޯޓުގައި ރައީސް ޔާމީންގެ ވަކީލުން ބުނެފައިވާއިރު ވަކީލުން ވަނީ ސިއްރު ހެކި ހުށައެޅުމުގެ ފުރުސަތު ދިނުމަށް އެދިފައެވެ.
މީގެ އިތުރުން ވޯޓު ކަރުދާސް ޗާޕުކުރި އެމް ސެވެންގެ މުވައްޒަފުން ވެސް ވޯޓުން މަކަރު ހެދުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.
ނަމަވެސް އީސީގެ ރައީސް އަހުމަދު ޝަރީފް ވަނީ އިންތިޚާބުގައި މަކަރު ހެދުމަށް އެއްވެސް ފުރުސަތެއް ދެވިފައިނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމްސެވެން އިން ވޯޓު ކަރުދާސް ޗާޕުކުރީ ދެގަޑިން ދެގަޑިން ބަދަލުވާ ޑިއުޓީގައި ފުލުހުން ބައިތިއްބައިގެން ކަމަށާއި ޗާޕުކުރުން އެ ކުންފުނިން ރެކޯޑުވެސް ކުރި ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.