ސައުދި އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އާލް-ސައުދުގެ ދައުވަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޤައުމުގެ ވެރިރަށް ރިޔާދަށް ފުރާވަޑައިގެންފި އެވެ.
ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
އެމަނިކުފާނުގެ މި ދަތިރުފުޅާއި ބެހޭ އެއްވެސް ތަފްސީލެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ނަޝީދު މިއަދު ސައުދީ އަށް ވަޑައިގެންނެވިއިރު، ފ. އަތޮޅު ސައުދީއަށް ވިއްކާލަން ރައީސް ޔާމީންގެ ސަރުކާރުން ކުރެއްވި މަސައްކަަތްތައް ހުއްޓުވުމުގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެއް ބޭފުޅަކީ ނަޝީދެވެ. އަދި ކުއްލި ގޮތަކަށް ނަޝީދު ސައުދީއަށް ވަޑައިގަތުމަށް ދައުވަތު ދެއްވި ސަބަބެއް ސާފެއް ނުވެއެވެ.
ސައުދީއަށް ރައީސް ނަޝީދު މިއަދު ފުރާވަޑައިގެންނެވިއިރު، ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ސައުދީން ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި ރަސްގެފާނުގެ ހާއްސަ މަންދޫބަކު ވަނީ އިންތިހާބީ ރައީސް އިބޫ އާއި ބައްދަލު ކުރައްވާފައެވެ.