ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން މީޑިއާ ގްރޫޕްގެ ދަށުން ހިންގަމުން އައި ސަން އޮންލައިން ނޫސް އިންތިޚާބާއި ކައިރިކޮށް މެދުކަނޑާލުމަށްފަހު މިއަދު އަލުން ފަށައިފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު ސަން އޮންލައިން އާއި ސަން ޓީވީގެ ޚިދުމަތް މެދުކަނޑާލީ ރީބްރޭންޑިންގ މަސައްކަތްތަކެއް ކުރުމަށް ކަމަށް ހާމަކުރުމަށްފަހު އެވެ.
ސަން އޮންލައިންގެ ޚިދުމަތް އަލުން މިއަދު ފަށާފައިވާއިރު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ އިންޓަވިއުތަކާއި، ރިޕޯޓްތައް ގިނަ އަދަދަކަށް ހިމަނާފައިވާކަން ފާހަގަކޮށްލެވެ އެވެ.
އެންމެ ކުރިން ސަން އެފްއެމްގެ ވެބްސައިޓްގެ ގޮތުގައި ހިންގަމުން އައި ނޫސް، ސަން އޮންލައިންގެ ނަމުގައި ތަރައްޤީކޮށް ގެނެސްދޭން ފެށީ 2010 ވަނަ އަހަރުން ފެށިގެންނެވެ. ސަން ޓީވީ އަކީ އޭގެ ފަހުން އުފެއްދި ޓީވީ ޗެނަލެކެވެ.
ސަން އޮންލައިނަކީ "ހަވީރު" ނޫހަށްފަހު މިހާރު ރާއްޖޭގައި އޮތް އެންމެ ދުވަސްވީ އޮންލައިން ނޫހެވެ. މީގެ ކުރިން ރާއްޖޭގައި އޮތް އެންމެ ބޮޑު ނޫސް ކަމަށްވާ "ހަވީރު" ނޫސްވެސް ވަނީ މައްސަލަތަކެއް ޖެހުމުގެ ސަބަބުން ހުއްޓާލާފައެވެ.