Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ފަރުދެއްގެ މަސްލަޙަތަށްޓަކައި ރައްޔިތުންގެ ޙައްޤު ބާތިލް ނުކުރެވޭނެ: ޝެއިޚް އިލްޔާސް

އެންމެ ފަރުދެއްގެ މަސްލަޙަތަށްޓަކައި ދެންތިބި ހުރިހާ ރައްޔިތުންގެ ޙައްޤު ބާތިލް ނުކުރެވޭނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.

ޝެއިޚް އިލްޔާސް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޝެއިޚް އިލްޔާސް ވިދާޅުވެފައި ވަނީ އަނިޔާވެރިންނަށް ﷲ ދޫދެއްވާ ކަމަށާއި، ނަމަވެސް އެމީހުންކުރާ ކަންތަކާމެދު އެކަލާނގެ ޣާފިލްވެވޮޑިގެން ނުވާ ކަމަށެވެ.

"ރައްޔިތުން މާޔޫސް ނުވާށެވެ. ފަރުދެއްގެ މަސްލަޙަތަށްޓަކައި ރައްޔިތުންގެ ޙައްޤު ބާތިލް ނުކުރެވޭނެ، إن شاء الله!"، ޝެއިޚް އިލްޔާސްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

"ﷲ އަޅަމެންނަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ"، ޝެއިޚް އިލްޔާސް ވިދާޅުވި އެވެ.

ޝެއިޚް އިލްޔާސް ވަނީ އިބްރާހީމް ސޫރަތުގެ 42 ވަނަ އާޔަތް ވެސް މާނަޔާއެކު އެ ޓްވީޓްގައި އެޓޭޗް ކުރައްވާފައެވެ.

"އަނިޔާވެރިން ކުރާ ކަންތަކާމެދު ﷲ ޣާފިލްވެވޮޑިގެންވާ ކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! އެކަލާނގެ އެއުރެން ފަސްކުރައްވާކަން ކަށަވަރީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ."، އެ އާޔަތުގެ މާނާގައި ވެއެވެ.

ޝެއިޚް އިލްޔާސް މިފަދައިން ޓްވީޓެއް ކުރެއްވިއިރު، ރިޔާސީ އިންތިޚާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފަހު އަޑުއެހުން ވަނީ މާދަމާ އަށް އެ ކޯޓުގައި ތާވަލްކޮށްފަ އެވެ.