Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޕްރިންސް ހެރީ އާއި މެގަން އަށް ކުއްޖަކު ލިބެނީ

ޑޫކް އެންޑް ޑަޗެސް އޮފް ސަސެކްސް، ހެރީ އާއި މެގަން - ފޮޓޯ: ގޫގުލް

ޑޫކް އެންޑް ޑަޗެސް އޮފް ސަސެކްސް ކަމަށްވާ ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން، މެގަން މާކަލް ބަލިވެ އިން ކަމަށް އިނގިރޭސި ޝާހީ އާއިލާއިން ހާމަކޮށްފި އެވެ.

މި އުފާވެރި ޚަބަރު އިއުލާންކޮށްފައި ވަނީ ހެރީ އާއި މެގަން ދިރިއުޅެމުންދާ ގަނޑުވަރު ކަމަށްވާ ކެންސިންގްޓަން ޕެލެސްގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށެވެ.

ކެންސިންގްޓަން ޕެލެސް އިން މަޢުލޫމާތު ދޭ ގޮތުގައި މެގަން ވިހާނީ އަންނަ އަހަރުގެ ބަހާރު މޫސުމުގެ ތެރޭގައެވެ.

މި ޚަބަރު މިއަދު އިއުލާންކުރިއިރު، މެގަން ބަލިވެ އިންކަމުގެ އަޑުތައް މީޑިއާގައި ފެތުރެމުންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެންދިޔަ ޕްރިންސެސް ޔުޖިނީ އޮފް ޔޯކްގެ ކައިވެނީގެ ޙަފްލާގައި މެގަން ގަޔަށް ދޫ ހެދުމެއް ލުމާއި ގުޅިގެން، މެގަން ބަނޑޮބޮޑު ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ޕްރިންސް ހެރީ އާއި މެގަން ކައިވެނި ކުރީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. އެ ކައިވެނި ވެގެންދިޔައީ މުޅި އަހަރުގެ ވެސް އެންމެ އުންމީދީ ކައިވެންޏަށެވެ. އެ ކައިވެނީގެ ޙަފްލާ ދުރާ ގާތުން އެތައް ހާސް ބަޔަކު ވަނީ ބަލާފައެވެ.

ޕްރިންސް ހެރީ އާއި މެގަން މިހާރު ތިއްބެވީ އޮސްޓްރޭލިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެޤައުމުގެ ސިޓީއެއް ކަމަށްވާ ސިޑްނީގަ އެވެ.