Last Updated: April 26, 06:01
Friday, April 26, 2024
ޚަބަރު

ބޮޑު ހުކުމް: އެންމެން އިންތިޒާރުގައި!

ރައީސް އަބްދުﷲ ޔާމީން ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ވަގުތު ސުޕްރީމް ކޯޓު ސަރަހައްދުގެ އަމަން ބެލެހެއްޓުމަށް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން / ރާއްޖެ އެމްވީ

ރިޔާސީ އިންތިހާބު ބާޠިލް ކުރުމަށް އެދި ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ ފަހު އަޑުއެހުން މިއަދު ހެނދުނު ސްޕްރީމް ކޯޓުގައި ފެށިގެން ކުރިއަށްދާ އިރު ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނީ ދެންވާނެ ގޮތަކާއި މެދުއެވެ.

23 ސެޕްޓެމްބަރުގައި ރައްޔިތުން ލީ ވޯޓު ސްޕްރީމް ކޯޓުން ބާޠިލްކޮށްފާނެތޯ ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. މި މައްސަލައިގެ މިހާތަނަށް ދެ އަޑުއެހުން ބާއްވާފައިވާ އިރު އިންތިހާބުގައި ބޭނުންކުރުމަށް އަގޮޓިތަކެއް އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު ގެންނެވިކަމަށް ވަނީ ކޯޓަށް ހުށަހަޅުއްވާފައެވެ. އަދި އެކަމާއި ގުޅޭ ސިއްރު ތިން ހެކިން ކޯޓަށް ހުށަހަޅުއްވާފައިވާ އިރު ސިއްރު ހެކިން ބަލައިގަނޭތޯ ނުވަތަ ނޫންތޯ ކަނޑައަޅަނީ މިހާރު ކުރިއަށްދާ ޝަރީއަތުގައެވެ.

ޕީޕީއެމްއިން ބުނަމުން ދަނީ ވޯޓު އޮޅުވާލާފައިވާ ކަމަށާއި، އިންތިހާބު ބާޠިލްކޮށް އާ އިންތިހާބަކަށް ދާނެކަމަށެވެ. ނަމަވެސް އެކަން ނިމޭނީ ސްޕްރީމް ކޯޓުން ނިންމާ ނިންމުމަކުންނެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހަޅުއްވާފައިވާ ދައުވާގައި ރައީސް ޔާމީން އެދިވަޑައިގެންފައިވަނީ އިންތިހާބު ބާޠިލު ކުރުމަށެވެ. ނަމަވެސް މުޅި ދައުވާގައި އިންތިހާބު ބާޠިލް ކުރަން ޖެހޭ ސަބަބެއް ނެތްކަމަށް ގާނޫނީ ވަކީލުން ދަނީ ބުނަމުންނެވެ.

މި މައްސަލައަށް ތަދައްޚުލްވި އެމްޑީޕީގެ ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ މައްސަލާގައި މުޅިން އޮތީ ޚިޔާލީ ވާހަކަތަކެއް ކަމަށާއި އެ މައްސަލާގައި މަދުވަނީ އުދުހޭ މުސައްލައެއްގެ ވާހަކަ އެކަނި ކަމަށެވެ. ހިސާން ވިދާޅުވީ މައްސަލާގައި ފާހަގަކޮށްފައި އޮތީ ފާހަގަ ޖެހޭ އަނގޮޓިއަކާއި ދެލި ފޮހެވޭ ގަލަމުގެ ވާހަކައިގެ އިތުރުން ފާހަގަ ފޮހެވޭ ކަރުދާސްތަކެއްގެ ވާހަކަ ކަމަށާއި އެއީ ޚިޔާލީ ވާހަކަތަކެއް ކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެފައިވަނީ ދެލި ފޮހޭ ގަލަމުގެ ވާހަކަ އާއި އަގޮޓިތަކާއި ކަރުދާހުގެ ވާހަކަ ފްލޯކު ވާހަކަތަކަށް ވަނީ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުން ތޯ ސުވާލު އުފައްދާފައެވެ.

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވުނު އެންމެ އަމާން އޮމާން އިންތިހާބުގައި ރިކޯޑު އަދަދަކަށް މީހުން ނިކުމެ ވަނީ ވޯޓުލާފައެވެ. މައްސަލަ ތަކެއް ކުރިމަތި ނުވެ ބޭއްވުނު އިންތިހާބުން ރައީސް ޔާމީން ބަލިވެފައިވަނީ 96،052 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 41.6 އިން ސައްތައެވެ.

އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުއަށް 134،705 ވޯޓު ލިބިވަޑައިގެންނެވިއިރު އެއީ ވޯޓުލީ މީހުންގެ 58.4 އިން ސައްތައެވެ.

މި އިންތިހާބުގެ ނަތީޖާ ރައީސް ޔާމީން ގަބޫލްފުޅު ކުރައްވާފައިވާ އިރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނީ ސްޕްރީމް ކޯޓުގެ ނިންމުމަށެވެ. މިއީ މުޅި ގައުމުގެ މަސްލަހަތާއި ގުޅިފައިވާ ބޮޑު މައްސަލައެކެވެ.